ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިންގެ ސްލޯގަން ނުވަތަ ޝިއާރަކަށް ކަނޑައަޅާފައި ވަނީ "އުފާވެރި އަމާން ރާއްޖެ"އެވެ. އެ ޝިއާރު ވަރަށް ބޮޑަށް މިހާރު ވަނީ ވައިރަލް ވެސް ވެފައެވެ.
އެމްޑީޕީން ބުނަމުންދަނީ ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފަށާނީ ށ. ފޯކައިދޫން ކަމަށެވެ. ކެމްޕެއިން ލޯންޗު ކުރަން ފޯކައިދޫގައި ބުދަ ދުވަހުގެރޭ ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފައެވެ.
އަދި ރިޔާސީ ކެމްޕެއިންގައި ރައީސް ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރިޔާސީ ކެމްޕެއިނަށް ށ. އަތޮޅަށް ރައީސް ފައްޓަވާ ދަތުރުފުޅުގައި ށ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އަނެއްކޮޅުން ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާކަން އެ ޕާޓީން އިއުލާންކޮށް ދައުވަތު ވަނީ ފޮނުވަންފަށާފައެވެ.
ޑިމޮކްރެޓްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މީހުން އުފައްދާ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަދި ޖަލްސާ ބޭއްވުމުގެ ހުއްދަ، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދީފައިވަނީ މިހަފްތާގެ ތެރޭގައިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު ވަނީ އެޕާޓީ އުފެއްދުމަށް ސޮއިކުރި 3650 މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ.
އަދި އެ ޕާޓީއަށް ސޮއިކުރަން ބޭނުންވާ އެހެން މީހުންނަށް ބުދަ ދުވަހު އޮންނަ ޖަލްސާގައި އެޕާޓީއަށް ސޮއިކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ހަސަން ލަތީފު ފާހަގަކުރައްވާފައިވެއެވެ.
މި ޖަލްސާގައި މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
މިއީ އިއްތިފާގުން ދިމާވި ކަމެއް ބާވައޭ ހިތަށް އަރައެވެ. ނުވަތަ އެއްބަޔަކު އަނެއް ބަޔަކަށް ބައި ގިނައީ ކޮންކޮޅެއްތޯ ޓެސްޓް ކުރާރެޔަށްވެސް ވެދާނެއެވެ. ކޮންމެ އަކަސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބުދަ ދުވަސް ވަނީ ވެގެން ދާނީ ބޮޑު ރެއަކަށެވެ.
ބުދަ ދުވަހުގެ ރެއަށް އިންތިޒާރު ކޮށްލަމާ ހިގާށެވެ.