އެސްޓީއޯއިން ބުނީ އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި މީހުން ދިރިއުޅެން ފެށުމާ އެކު، ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ހޯދާ އަދަދު މިހާރު އެތައްގުނައެއް އިތުރުވެފައިވާ ކަމަށެވެ. މީގެ 19 އަހަރު ކުރިން ހިދުމަތް ދޭން ފެށި އެ ހޮސްޕިޓަލަށް އެކަށީގެންވާ ފުރިހަމަ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ ޖާގައިގެ ދަތިކަން ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނެފައިވަނީ އެ ހޮސްޕިޓަލުގައި މެންޓަލް ހެލްތްގެ ހިދުމަތާއި ކުޑަކުދިން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާދިނުމަށް ވަކި ހާއްސަ ސެންޓަރެއް ގާއިމުކުރެވި، ކެންސަރުބަލީގެ ފަރާތްތަކަށް ހިދުމަތް ދިނުމަށް އޮންކޮލޮޖީ ސެންޓަރަކާއި ތަފާތު އެކިއެކި އާ ހިދުމަތްތައް މިހާރު ވަނީ ތައާރަފުކޮށްފައި ކަމަށެވެ.
މިވަގުތު ހުޅުމާލެ ހޮސްޕިޓަލުގައި ހިދުމަތްދެމުން ދަނީ އެންމެ އޮޕަރޭޝަން ތިއޭޓަރަކުން ކަމަށް ވުމާ އެކު، ދުވަހުން ދުވަހަށް ކުރަން ޖެހޭ ބައެއް އޮޕޮރޭޝަންތައް ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި ކަމަށް އެސްޓީއޯއިން ބުނެއެެވެ. އެސްޓީއޯއިން ބުނީ އަލަށް ގާއިމުކުރެވިގެންދާ އޮޕޮރޭޝަން ތިއޭޓަރު ޕްރޮޖެކްޓުގައި ފަސް އޮޕޮރޭޝަން ތިއޭޓަރެއް ހިމެނޭނެ ކަމަށެވެ. އެގޮތުން ކަށީގެ، ލޮލުގެ، އަންހެނުންގެ ބަލިތަކަށް ހާއްސަ އަދި އާންމު ސާޖަރީތައް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެސްޓީއޯއިން ބުނެފައިވަނީ އެ މަސައްކަތާ އެކު ހުޅުމާލެ ހޮސްޕިޓަލުގައި ދެމުންދާ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މިވަގުތު އިތުރުވަމުން އަންނަ ބޮޑު އާބާދީއަށް ކޭޓާކުރުމަށް ހުޅުމާލޭގައި ހުރީ ޖުމްލަ 17 އައިސީޔޫ އެނދު ކަމުގައެވެ. މި މަޝްރޫއާ އެކު އިތުރު 24 އައުސީޔޫ އެނދު ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރެވިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެ ކުންފުނިން ބުނީ އެއީ 100 އިންސައްތައަށް ވުރެ ބޮޑު އިތުރުވުމެއް ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ ތަރައްގީކުރުމުގެ މަޝްރޫއު އެއްބަސްވުމުގައި އެސްޓީއޯއިން އެ ހޮސްޕިޓަލާ އެކު ސޮއިކޮށްފައިވަނީ މިއަދު މެންދުރުފަހު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ސައީދެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދެވެ. އެސްޓީއޯއިން ހިންގާ މި މަޝްރޫއު ނިމޭއިރު، ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫއަކީ އެންމެ ޒަމާނީ މެޑިކަލް ވަސީލަތްތަކާއި ސިއްހީ އާލާތްތަކާ އެކު އިންޓެގްރޭޓްވެފައިވާ ކަސްޓަމައިޒްޑް ތަނެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން ބުނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ގާއިމުކުރެވިފައިވާ ސެންޓްރަލް ސްޓެރެލައިޒޭޝަން ޑިޕާޓްމަންޓަކީ އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވާ މިފަދަ ކާމިޔާބު އެއް މަޝްރޫއު ކަމަށެވެ.