ފެނަކައިން ބުނީ ދާދިފަހުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަރިހުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ވަނީ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލުކުރައްވާފައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އާ ހިއްސާކުރެއްވި ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނެފައިވަނީ ނެޓްޒީރޯއަށް ވާސިލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ނެޓްޒީރޯއަށް ވާސިލުވުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ސައީދު ވަނީ އެންޓޯނިއޯ ގުޓަރޭޒް އާ ހިއްސާކުރައްވާފައި ކަމަށެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފެނަކަ އާއި އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، އެސްޑީޖީތައް ހާސިލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައި ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނި ގޮތުގަައި ސައީދު ވަނީ މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން އާ ވެސް ވޮޝިންޓަންގައި ބައްދަލުކުރައްވާފައި ކަމުގައެވެ.