ads
އެއާޕޮޑެއް
އެއާޕޮޑެއްގެ މައްސަލައިގައި ރެސްޓޯރެންޓް މެނޭޖަރު ކަނޑާލިގޮތް ރަނގަޅު
ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެއްގެ އެއާޕޮޑް ޕްރޯއެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވުނު ރެސްޓޯރަންޓް މެނޭޖަރު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
Advertisement

ރިސޯޓެއްގެ ރެސްޓޯރަންޓް މެނޭޖަރު، އެއާޕޮޑެއްގެ މައްސަލައިގައި ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅި، އެ މެނޭޖަރު މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާގެ ވަޒީފާއާ ގެއްލުމުގެ ބަދަލު ހޯދުމަށް ރިސޯޓާ ދެކޮޅަށް ދައުވާ ކުރުމުންނެވެ.

މި މައްސަލައަކީ، ރާއްޖޭގެ މަޝްހޫރު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުުރުވެރިއެއްގެ އެއާޕޮޑެއް މިދިޔަ އަހަރުގެ ކުރީކޮޅު ގެއްލުނު މައްސަލައެވެ. އެއާޕޮޑް ޕްރޯ ފުރަތަމަ ފެނުނު ރިސޯޓުގެ މުވައްޒަފުވަނީ އެ އެއާޕޮޑް ރެސްޓޯރެންޓް މެނޭޖަރާ ހަވާލުކޮށްފައެވެ. 

އެ ރިސޯޓުގެ އާއްމު އުސޫލުން ގެއްލިގެން ފެންނަ އެފަދަ ތަކެތި ވަގުތުން ރިސެޕްޝަނާ ހަވާލު ކުރަން ޖެހެއެވެ. އެހެންނަމަވެސް މި ހާދިސާގައި ރެސްޓޯރެންޓް މެނޭޖަރުވަނީ އެއާޕޮޑް ޕްރޯ ރިސެޕްޝަނަ ހަވާލުނުކޮށް ގިނައިރުތަކެއް ގެންގުޅެފައެވެ. އެ ވަގުތުތަކުގައި ފަތުރުވެރިޔާގެ ފޯނުން ދިޔައީ އެއާޕޮޑް ޕްރޯގެ ލޮކޭޝަން ޓްރޭސް ކުރަމުންނެވެ. އަދި އެގޮތުން ޓްރޭސްކޮށްގެން އެއާޕޮޑް އޮތްތަން ހޯދުމުން މެނޭޖަރުވަނީ، އޭގެ ބޭނުން ނުކުރާ ކަމަށް ބުނެ ހަވާލުކޮށްފައެވެ. 

މި މައްސަލައިގައި ވަޒީފާއިން ވަކިކުރި މެނޭޖަރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދުނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުލޫއީ ގޮތުންނާއި އިޖުރާއީގޮތުންވެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ކަމަށް ޓްރައިބިއުނަލުން ކަނޑައެޅިއެވެ. 

މި މައްސަލައިގައި ވަޒީފާއިން ވަކިކުރި މެނޭޖަރަކީ 2011 ވަނަ އަހަރުން ފެށިގެން އެ ރިސޯޓުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް