އެމްޑަބްލިއުއެސްސީން ބުނީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކަސްޓަމަރުންނާ ވީހާވެސް ގާތުން ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ އަބަދުވެސް އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް ބިލުތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ ފަރާތުން ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެމްޑަބްލިއުއެސްސީން ބުނެފައިވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ޖޫރިމަނާ މައާފުކޮއްދެވޭނީ ފެން ބިލަށް ނުވަތަ ބިލުތަކަށް ދައްކަން ޖުމްލަ ފައިސާ އެއްފަހަރާ ދައްކައި ހަލާސްކުރުމަށްފަހު ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލްއަކުން ހުށައެޅުމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ނަމްބަރު 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވައިގެން ނުވަތަ [email protected] އަށް މެއިލްކޮށްލުމުން ލިބޭނެ ކަމުގައެވެ.
މި ފުރުސަތުގެ ބޭނުން ހިފައި، ފާއިތުވި މަސްތަކުގެ ފެން ބިލުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސް ކުރުމަށް ކަސްޓަމަރުންގެ ކިބައިން އެ ކުންފުނިން ވަނީ އެދިފައެވެ. އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ކަސްޓަމަރުންވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި ކަސްޓަމަރުންގެ ފަރާތުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.