ރާއްޖޭގައި މި ވަގުތު ހިންގާ ކޮންމެ ޕާޓީއަކުން ވެސް ތަފާތު ލޯގޯތައް ފެންނަން ހުރި އިރު، އަދި ވެސް އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ލޯގޯ އަކީ ތިލަފަތެކެވެ. ރީދޫ ކުލަ ކުލައެއްގެ ގޮތުގައި ބޭނުންކުރާ އެޕާޓީން ބުނާގޮތުގައި އެ ޕާޓީގެ ލޯގޯ ރަމްޒުކޮށްދެނީ ހަމަހަމަކަމާއި އިންސާފެވެ.
ދެން އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ލޯގޯ ގައިވަނީ ގައުމީ ރުކެއް ރަމްޒު ކޮށްދޭ ކުރެހުމެކެވެ. އެ ޕާޓީގެ ކުލަ އަކީ ފިޔާތޮށި ކުލައެވެ. ޕީޕީއެމްގެ ލޯގޯގައި ދިވެހި ރުކެއްގެ ފަންތަކެއް ފެންނަން ހުރެއެވެ. ރުކުގެ ތިރިން ވަކަރު ފެންނަން ހުރި އިރު ވަކަރު ތެރޭން ހަނދުފަޅި އެއްވެސް ފެނިގެންދެއެވެ. ތިން ވަނައަށް އެންމެ ބޮޑު ޕާޓީ އަކީ ޖުމްހޫރީ ޕާޓީ އެވެ. އެ ޕާޓީގެ ކުލައަކީ ރަތް ކުލައެވެ. އެޕާޓީގެ ލޯގޯ ކުރަހާފައިވަނީ ވަށް ބުރު ތަކެއްގެ ތެރޭގައި ރަތް ކުލަ އާއި ފެހި ކުލަ އަދި ހުދުކުލައިންނެވެ. އެތެރޭން ފެންނަނީ ހުދުކުލައިގެ ތަރިއެކެވެ.
ލޯގޯތަކުގައި ހުންނަ ކުރެހުމާއި އޭގެ ސިފަ އަށް ވަރަށް ގިނަ ފަރާތްތަކުން އެކި ފާޑުކިއުންތައް އަމާޒުކޮށް އުޅެއެވެ. އެއާގުޅޭ ގޮތުން އަބަދު ވެސް ފާޑު ކިޔާ އުޅެނީ އެ ޕާޓީ އަކާ ދެކޮޅު މީހުންނެވެ. ނަމަވެސް މިއިން ކޮންމެ ޕާޓީއެއް ވެސް މަސައްކަތް ކުރަނީ ގައުމީ މަސައްކަތެކެވެ. ލޯގޯތަކުން ރަމްޒު ކޮށްދެނީ އެ ޕާޓީއެއްގެ އަސްލާއި، ގައުމީ މަސްލަހަތެވެ. އަދި ޕާޓީތަކުގެ ލޯގޯތަކުން ވެސް ފެންނަނީ ގައުމީ މަސައްކަތަށް އެ ޕާޓީން ކުރާ މަސައްކަތުގެ ކުރު ޖަވާބެއް ވެސް މެއެވެ.
ޕާޓީތައް އުފެއްދުމަކީ މިހާރު އާންމުކަމެކެވެ. އާދައިގެ ގޮތަކަށް ބުނާ ނަމަ ކޮންމެ ދެމެފިރިއަކަށްވެސް ޕާޓީއެކެވެ. އެވަރަށް ޕާޓީތައް ގިނަ އެވެ. ނަމަވެސް ބައެއް ސިޔާސީ ޕާޓީތައް ބޭނުންވާ އަދަދަށް މީހުން ހަމަނުވުމުގެ ސަބަބުން ވަނީ އުވާލާފައެވެ. ނަމަވެސް އިލެކްޝަނުން ކަނޑައަޅާފައިވާ އަދަދަށް މީހުން ހަމަވާނަމަ، ޕާޓީތައް ރަޖިސްޓްރީ ވެސް ކޮށްދެއެވެ.
ދާދި ފަހުން ވުޖޫދުވި ޕާޓީތަކުގެ ތެރޭގައި (އެމްއެންޕީ) މޯލްޑިވްސް ނެޝަނަލް ޕާޓީ ވެސް ހިމެނެ އެވެ. އެއީ ކުރީގެ ޑިފެންސް މިނިސްޓަރު ކަން ވެސް ކުރެއްވި މުހައްމަދު ނާޒިމްގެ ޕާޓީ އެވެ. އެ ޕާޓީގެ ލޯގޯގައި ވެސް ދިވެހި ރުކެއްގެ ފަންތަކެއް ގޮތަށް ވަކިވަކިން ކުރަހާފައިވާ ފަންތަކެއް ފެނިގެންދެ އެވެ. އަދި މަތިން ތިރިއަށް ކުރަހާފައިވާ ތަރިތަކެއްވެސް ފެންނަން ހުންނަގޮތަށް ވަށާ ހަނދު ފަޅިއެވެސް ހުރެއެވެ.
ދެން އަދާލަތު ޕާޓީގެ ލޯގޯ އަށް ބަލާލާއިރު، ފެންނަނީ ފެހި ކުލައިގެ ކުރެހުމެއްގެ ތެރޭގައި ހަނދުފަޅިއަކާއި، ތަރިތަކެކެވެ. އަދި އުނދުހޭ ދޫންޏެގެ ފިޔަގަނޑުވެސް ސިފަވާ ކުރެހުމެއް ފެންނަން ހުރެއެވެ. މިއީ މިވަގުތު ރާއްޖޭގައި ތިބި ސިޔާސީ ޕާޓީތައް ރަމްޒު ކޮށްދޭ ލޯގޯތަކާއި ނިޝާން ތަކުގެ ވާހަކަތަކެވެ. އެއިން ފެންނަ މަންޒަރުތަކެވެ.
ދަ ޑިމޮކްރެޓީސް އަކީ އެމްޑީޕީ ތެރެއިން އުފަންވި ޕާޓީއެކެވެ. ދެ ޖުލައި ގައި ޕާޓީ އުފެއްދުމަށް ލިބުނު ހުއްދަ އާ އެކު ފަހެއް ޖޫން ދުވަހުގެ ރޭ އެ ޕާޓީ އުފެއްދުމަށް އިޔާސުއްދީން ސުކޫލް ހޯލްގައި ރޭ ވަނީ ޖަލްސާ ބާއްވާފައެވެ.
ހަ ސަތޭކަ އެއްހާ މީހުން އެއްވި އެ ޖަލްސާ ހޯލުގައި އެޕާޓީގެ ކުލަޔާއި ނަމާއި، އަދި ލޯގޯ ވަނީ ދައްކާފަވެއެވެ. އެޕާޓީގެ ނަމަކަށް ޑިމޮކްރެޓިކްސް ނަން ކިޔަންޖެހުނު ގޮތްކަމަށް ބުނެފައިވަނީ އާންމުންނަށް ހުޅުވާލައިގެން ނަން ހުށެހެޅުމަށް އެދުމުން އާންމުން ފޮނުވި 200 ވަރަކަށް ނަންތަކުގެ ތެރެއިން 60 ޕަސެންޓް ނަމަކީ ޑިމޮކްރެސީ ނުވަތަ ޑިމޮކްރެޓިކްސް ކަމަށްވާތީ ކަމަށެވެ. އަދި ކުލަވެސް ކަނޑައެޅުނީ އެގޮތަށްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.