ރާއްޖެ ޓީވީއަކަށް މައުލޫމާތު ދެއްވަމުން ޕީސީބީގެ ނައިބު ރައީސް މުހައްމަދު ފިރާޒު ވިދާޅުވީ އެސްއޯއީތަކުގެ އެސެޓް ވެލިއުގެ ޖުމްލަ އަދަދަކީ ރާއްޖޭގެ ބަޖެޓަށްވުރެ 5-4 ގުނަ އިތުރު އަދަދެއް ކަމަށެވެ. މީގެ ކުރިއާ އަޅާބަލާއިރު ކުންފުނިތަކުގެ ހިންގުން މިހާރު ރަނގަޅު ކަމަށް ފިރާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހިންގުމުގެ ދާއިރާއިން ދުވަހަކަށްވުރެ ދުވަހެއް ބޮޑެތި ކުރިއެރުންތައް ދަނީ ލިބެމުން ކަމަށެވެ.
ކުންފުނިތަކުގެ އާމްދަނީ އާއި އަހަރީ ރިޕޯޓުތަކުން ކުންފުނިތަކަށް ކުރިއެރުން ލިބެމުންދާކަން ހާމަވާކަމަށް ފިރާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައިވަނީ ކުންފުނިތަކުގެ އެސެޓް ވެލިއު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ކަމަށެވެ. ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕީސީބީން އަބަދުވެސް ބާރުއަޅާކަމަށް ފިރާޒު ވިދާޅުވިއެވެ.
ފިރާޒު ވިދާޅުވި ގޮތުގައި ޕީސީބީން މަސައްކަތް ކުރަނީ މިނިވަންކަމާ އެކު ކަމަށާއި ވެރިއެއްގެ އެއްވެސްވަރެއްގެ ނުފޫޒެއް ނެތް ކަމުގައެވެ. ޕީސީބީގެ ބޯޑާއި މެންބަރުން މަސައްކަތް ކުރަމުން ދަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަން ފާހަގަކުރައްވާ ފިރާޒް ވިދާޅުވީ އެންމެންވެސް މަސައްކަތް ކުރަމުންދަނީ އެއް އަމާޒަކަށް ކަމަށެވެ. ޕީސީބީގެ ބޯޑުގެ ކޮންމެ ބޭފުޅަކީ އެ ބޭފުޅެއްގެ ދާއިރާގައި ފުންނާބު އުސް ގާބިލު ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ. ފިރާޒު ވިދާޅުވެފައިވަނީ ކުންފުނިތަކުގެ ހިންގުން ރަނގަޅުކޮށް ހަރުދަނާކުރުމަކީ ހުރިހާ ފަރާތްތަކުގެވެސް އަމާޒު ކަމަށެވެ.
ކުންފުނިތަކާ އެކު ޕީސީބީން މަސައްކަތްކުރަނީ އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ގާއިމުކުރާކަން ޔަގީންކުރުމަށް ކަމަށާއި ކުންފުނިތަކަށް މިއަދަށްވުރެ ރަނގަޅު ގޮތެއް ހޯދައިދިނުމަށް އަބަދުވެސް ޕީސީބީން މަސައްކަތް ކުރާ ކަމަށް ފިރާޒު ވިދާޅުވިއެވެ.