
މިއަދުގެ ހުކުރު ހުތުބާގައިއަލިއަޅުވާލައިފައިވާ މައުޟޫއު އަކީ" އިސްލާމްދީނަކީ ސާފްތާހިރުކަމުގެ ދީން "މިއެވެ.
އަޅުކަމަކީ އިންސާނާގެ ރޫހާނީ ސާފުތާހިރުކަމެއް ގެނެސްދޭ ކަމެއް, ބޭރުފުށުން އޭނާގެ ހަށިގަނޑާއި ފޭރާމާއި އަޅުކަންކުރާ ތަން ނަޖިހުން ތާހިރުކޮށް, އަޅުކަން ކުރުމަކީ ލާޒިމް ކަމެއް" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ އަޅުކަންކުރާ ތަންތަނަށް ވަންނައިރުއާއި އަޅުކަމުގައި ތާހިރުވުމަކީ ކީރިތި ޤުރްއާނުގައި އަމުރު ކުރައްވާފައިވާ ކަމެއް ކަމަށެވެެ. އަދި އަޅުކަން ކުރުމުގައި ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ޖުނުބުވެރިކަމުން ތާހިރުވެ ހިނައިގަތުން ހިމެނޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ،
"ފޫޅުން ތިރީގެ އިސްތަށިތައް ބޭލުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކުރުކުރުމަކީ ފިތުރަތުގެ ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ،"
މީގެ އިތުރުން މަގުމައްޗާއި، ހިޔާ ލިބޭފަދަ ގަސްގަހުގެ ދަށަށާއި، މީހުން ހިނގާބިނގާވެ އުޅޭ ތަންތަނަށް ކުޑަކަމު ދިޔުމާއި، ކުޅުޖެހުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ނަހީކުރައްވާފައި ވާ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ.
މިކަމާ ގުޅިގެން ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ، "ލައުނަތް ލެއްވިގެންވާ ތިން ކަމަކުން ތިޔަބައި މީހުން ދުރުހެލި ވާށެވެ. އެއީ މީހުން ފެން ހޯދަން ގޮސް އުޅޭ ކޯރުތަކަށާއި، ވަޅު ފަދަ ތަންތަނަށާއި، މީހުން ހިނގާބިނގާވެ އުޅޭ މަގުތަކަށާއި، ހިޔާ ލިބޭ ފަދަ ތަންތަނަށް ޤަޟާހާޖާ ކުރުމެވެ."
މީގެ އިތުރަށް ކުޑަކަމުދާ ހިނދު، ގަޔަށް ބުރައިގެން ނުދާ ގޮތަށް ކުޑަކަމު ދިއުމާއި، ކުޑަކަމު ދިއުމަށްފަހު، ތާހިރުވުމަށް އިސްލާމްދީން އަމުރު ކުރައްވާފައިވާ ކަމަށާއި ކުޑަކަމު ދިއުމަށްފަހު ރަނގަޅަށް ތާހިރު ނުވާ މީހުންނަށް ކަށްވަޅުގެ އަޒާބު ލިބޭނެ ކަމަށް ވެސް ހުތުބާގައި ވަނީ ހަނދުމަ ކޮށްދީފައެވެ.