ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭން ފެއްޓެވުމުގެ ގޮތުން ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑުއަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެމްބަރުންނާއިއެކު މިއަދު ބޭއްވި ބައްދަލުވުމުއްގައެވެ.
މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި އެމް.ޑީ.ޕީގެ އިސް ފަރާތްތަކާއި، އަންނަ ރިޔާސީ އިންތިޚާބަށް އެމަނިކުފާނާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ސޯލިހް ވަނީ، "ސީރިއާގައި ދިވެހިން ހާލުގައި ޖެހުމުގައި" ކުރީ ސަރުކާރުތަކުން އިހުމާލުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ކުރީ ސަރުކާރުތަކުން ރާއްޖޭގައި ދީނީގޮތުން ހަރުކަށި މީހުން ނޫޅޭނެކަމަށް ބުނަމުންދިޔަ ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން، ރާއްޖޭގައި ދީނީ ހަރުކަށި ފިކުރަކީ އޮތްކަމެއްކަން ގަބޫލުކޮށް، އިސްލާމްދީނުމުގެ ސައްހަ އަގީދާ އަންގައިދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވަނީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މި މައްސަލައާ ގުޅުންހުރި އަދަދުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، 100 އަށްވުރެ ގިނަ ދިވެހިން ސީރިއާގެ ދާހިލީ ހަނގުރާމައަށް ގޮސްފައިވާކަމާއި، އޭގެތެރެއިން 70 އަށްވުރެ ގިނަމީހުން ސީރިއާގައި މަރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވެރިކަމަށް އައި އިރު ސަރުކާރުގެ ސިޔާސަތުގައި ބުނަމުން ދިޔައީ ރާއްޖެއަކު ހަރުކަށި ފިކުރުގެ މީހުންނެއް ނޫޅެޔޭ. އެކަމަކު މިއަދު އައިސް އެ ހިސާބު ބެލިއިރުގައި 70 އަށްވުރެ ގިނަ މީހުން ސީރިއާގައި އަމިއްލައަށް މަރުވެ ގޮސްފި" ރައީސް ވިދާޅުވިއެވެ.
ސީރިއާ އާއި އެހެނިހެން ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަ ތަކުގައި ބައިވެރިވުމަށް ދިޔަ ދިވެހީންގެ ތެރެއިން މަރުވެފައިވާ މީހުންގެ އާއިލާތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މީހެ ކުރިން ވެސް ވަނީ ފަށާފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ތެރޭ ރައީސް ވަނީ އެގައުމުގައި ހާލުގައި ޖެހިފައި ތިބި މީހުން ގެނައުމުގެ މަސައްކަތް ދެ ގައުމަކާ ގުޅިގެން ކުރަމުން ދާކަމަށް ވިދާޅުވެފައެވެ.
"މަޖުބޫރު ހާލަތުގައި އެތަނަށް ގޮސްފައި ތިބި މީހުން ވެސް އެބަތިބި. ގަބޫލުކުރަންޖެހޭ ކަމެއް މިއީ. އެމީހުން ގެނެވޭނެ ގޮތެއް ބަލައި، ގެނެވެން އޮތް އެންމެ އަވަހަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން" ރައީސް ވިދާޅުވިއެވެ.
ސީރިއާގެ އިރު އުތުރުގައި އޮންނަ އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިންކަމަށް ބުނެ އެ މީހުންގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް އެ ދުވަސްވަރު އާންމުވިއެވެ. އެ ލިސްޓުގައި ޖުމްލަ 33 މީހެއްގެ ނަން ހިމަނާފައި ވެއެވެ. އަދި ހަނގުރާމައިގެ ތެރެއަށް އުފަންވެފައިވާ ކަމަށް ބުނާ 12 ކުއްޖެއްގެ މައުލޫމާތުވެސް ވަނީ ހިމަނައިފަ އެވެ.
ރައީސް ވިދާޅުވީ، އެ މީހުން ރާއްޖެ ގެނެސް ބައިތިއްބާނެ ތަން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.