އެމްއެމްއޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮތޯރިޓީ އާއެކު 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ.
ޕޭމަންޓް ސިސްޓަމުގައި ތިން ބޭންކުން ގުޅެން ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރެވުނު ތިން ބޭންކަކީ ބޭނުންވާ ޓެސްޓުތައް ފުރިހަމަކުރި ބޭންކުތައް ކަމަށާއި އެ ޓެސްޓުތައް ފުރިހަމަ ނުވެ ބައެއް ބޭންކުތައް އެބަހުރި ކަމަށެވެ. އެ ބޭންކުތަކުން ކުރިއަށް އޮތް ތަނުގައި މި ސިސްޓަމާ ގުޅޭނެ ކަމަށް ހާޝިމް ވިދާޅުވިއެވެ.
ހާޝިމް ވިދާޅުވި ގޮތުގައި ސިސްޓަމުގެ ޕައިލެޓް ޓެސްޓިން ފޭސްގައި ތިން ބޭންކުން ބައިވެރިވާނެ ކަމަށާއި އެ ފޭސްއަށްފަހު އޮގަސްޓު މަހުގެ ތެރޭގައި ޕޭމަންޓް ސިސްޓަމް އެއްކޮށް ލޯންޗުކުރެވޭނެ ކަމުގައެވެ.
ގަވަރުނަރުގެ ވާހަކަފުޅުގައިވަނީ ޕޭމަންޓް ސިސްޓަމުގެ ގާއިމުކުރުމަށް އެ އޮތޯރިޓީ އާއި ބޭންކުތަކުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.
އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކީ ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މުހިންމު ބައެކެވެ. މި ސިސްޓަމް ގާއިމުކުރުމާ އެކު އެކި ބޭންކުތަކުގައި ހުޅުވާފައި ހުންނަ އެކައުންޓުތަކުން އެކަކު އަނެކަކަށް ފަސޭހަކަމާ އެކު ފައިސާ ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ އިތުރުން މާލީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް މި ސިސްޓަމުގެ މެދުވެރިކޮށް ރައްޔިތުންނާ ހަަމައަށް އެއް ޕްލެޓްފޯމަކުން އެފަދަ ހިދުމަތްތައް ދިނުމުގެ މަގުފަހިވެގެންދާނެއެވެ.
އާ ޕޭމަންޓު ސިސްޓަމާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ރައްކާތެރި މާހައުލެއް ގާއިމުކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެ އޮތޯރިޓީން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގައި ޑޮމެސްޓިކް ޓްރާންސެކްޝަންތަކަށް އިސްކަންދިން ނަމަވެސް ދެވަނަ ފިޔަވަހީގައި އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމަންޓް ސިސްޓަމްތަކާ ގުޅި، ބޭރު ގައުމުތަކާ އެކު ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގުފަހިވާނެ ކަމަށެވެ.