
ރ. ހުޅުދުއްފާރުގައި މިނިސްޓްރީއިން ކުރިއަށް ގެންދިޔަ މި ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެ އެވެ.
މިނިސްޓްރީއިން ބުނީ މާޗް މަހުގެ ހަތް ވަނަ ދުވަހުން 12 ވަނަ ދުވަހަށް ހުޅުދުއްފާރުގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް ލޭނުމަސްވެރިކަމާއި ތުތިބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީނު ދެވިފައިވާނެ ކަމަށެވެ. އަދި ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކޮންމެ ބުރެއްގައި 16 ބައިވެރިންނާއެކު، ޖުމްލަ 32 ބައިވެރިން ބައިވެރިވެފައި ވާކަމަށް މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.
މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ދެ ބުރުވެސް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީގެ މަސްވެރިކަމުގެ ތަމްރީނު ހިންގުމަށް ބޭނުންކުރާ ތަމްރީނު އުޅަނދު "ރީނދޫ އުރަހަ" ދޯނީގައި ކަމަށް ފާހަގަކުރައްވަމުން މިނިސްޓްރީ އިން ބުނީ މި ދޯންޏަކީ، ދެބާވަތުގެ މަސްވެރިކަމަށް ބޭނުންވާ އާލަތާއި ސާމާނާއެކު މިފަދަ ތަމްރީނުތަކަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ އުޅަނދެއް ކަމަށެވެ.
މިނިސްޓްރީ އިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ މިފަދަ ތަމްރީނު ދިނުމުގެ ފުރިހަމަ ތަޖްރިބާ ލިބިފައިވާ މިނިސްޓްރީގެ ޓްރެއިނިންގް ސްޓާފުން ކަމަށްވާ ޕްރޮގްރާމް އޮފިސަރު، އަހްސަން މުހައްމަދާއި އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރު، އަހުމަދު ރިޔާޒު ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.