ads
އަހްމަދު އަދީބް
އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދެނީ!!؟
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަބްދުލް ގަފޫރު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކަރެކްޝަނުން ދީފައިވާކަމަށް އަޑު ފެތުރިއްޖެއެވެ.

އަދީބު ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދިނީ އަދީބުގެ މެޑިކަލް ލިޔުންތަކަށް ބެލުމަށް ފަހު މެޑިކަލް ބޯޑުން ލަފާ ދިނުމުންކަމަށް މިއަދު ބައެއް ނޫސްތަކުން ރިޕޯޓުކުރިއެވެ.

މިއަދު ސީއެންއެމް އިން ގުޅުމުން ކަރެކްޝަނުން ބުނީ "އަދީބު ފުރާނަމަ އެކަން ކަރެކްޝަނުން އަންގާނެ"ކަމަށެވެ.

ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން އަދީބު ބޭސްފަރުވާ އަށް ފުރަނީ ސިންގަޕޫރަށެވެ.

އަދީބު ވަނީ ދާދި ފަހުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ވެސް ހޯދައިފައެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 5 އޮކްޓޫބަރު 2020 ވަނަ އަހަރުއެވެ. އަދި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ހުކުމުގައިވެއެވެ. ނަމަވެސް އަދީބު އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އެ ފައިސާ ހޯދަން ބަންޑާރަ ނާއިބުގެ އޮފީހުން އަދީބާ ދެކޮޅަށް މިހާރު ވަނީ ސިވިލް ކޯޓުގައި ދައުވާ އުފުލާފައެވެ. ނަމަވެސް އަދި ހުކުމް އިއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތަކުގެ ތެރޭގައި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއާއި މަނީލޯންޑަރކުރުމުގެ ދެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ހިމެނޭހެން ޖުމަލް ހަތް ދައުވާއެވެ. މިހުރިހާ ދައުވާއަކަށް އަދީބުގެ މައްޗަށްވަނީ 20 އަހަރުގެ ޖަލު ހުކުމް އިއްވާފައެވެ. އަދީބާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާއާއި ގުޅިގެން ދައުލަތާއި އަދީބާ ދެމެދު އިޢުތިރާފްގެ އެއްބަސްވުމެއް ގާއިމްކުރުމުން އަދީބުވަނީ ހުރިހާ ދައުވާތަކަށް ކޯޓުގައި އެއްބަސްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް