މޯލްޑިވިއަނަށް އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާބޯޓު ގަތުމަށް ނިންމައި އެ އެއާލައިން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ވަނީ އެ ކުންފުންޏަށް އޭޓީއާރު 42-600 މަރުކާގެ ދެ ބޯޓު ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.
އައިއޭއެސްއިން ކުރި އެ އިއުލާނާ އެކު އާންމުކޮށްފައިވާ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) ގައި ބުނެފައިވަނީ އޭޓީއާރު 42-600 މަރުކާގެ ދެ ބޯޓު ގަތުމަށް އޯޑަރު ކޮންފަމޭޝަންގެ އެންމެ ފަހު މަރުހަލާގައިވާ ކަމަށެވެ.
އޭގެތެރެއިން އެއް ބޯޓު މި އަހަރުގެ ފަހު ކުއާޓަރުގައި ނިމި، ޑެލިވާ ކުރާނެ ކަމަށާއި އަނެއް ބޯޓު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ނިމި ޑެލިވާ ކުރާނެ ކަމަށް އާރުއެފްޕީގައިވެއެވެ.
އެ އިއުލާނުގަައި ވަނީ މޯލްޑިވިއަނަށް ގަންނަ އޭޓީއާރު މަރުކާގެ އާ ދެ ބޯޓަށް ފައިނޭންސް ލީސް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މައުލޫމާތު ސާފުކުރުމަށްފަހު 22 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ބޭނުން ކުރަމުން އަންނަ ޑޭޝް މަރުކާގެ ބޯޓުތައް ބާވުމާއި މެއިންޓެނެންސްއަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން އެ އެއާލައިނަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގެނެސް އޮޕަރޭޝަނަށް ވަނީ ނެރެފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭ321އެލްއާރު ބޯޓެއް ކުއްޔަށް ނަގަން އިއުލާނުކުރިއިރު އައިއޭއެސްއިން މި އަހަރުގެ ފެބްރުއަރީ މަހު އޭ330-200 މަރުކާގެ ދެ ބޯޓު ކުއްޔަށް ނަގަން އިއުލާނުކޮށްފައިވެއެވެ. އެފަހުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އޭޓީއާރު 600-42 މަރުކާގެ އިތުރު ފަސް ބޯޓު ކުއްޔަށް ހޯދުމަށް އައިއޭއެސްއިން އިއުލާނުކުރިއެވެ.