ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-
އަލީ ވަހީދު ދާން ޖެހޭނީ ޖަލަށްތަ؟
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު، ކުރީގެ ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަތުމާއެކު، ޖަލަށް ދާން ޖެހިދާނެތޯ ސުވާލު އުފެދިއްޖެއެވެ.
Advertisement

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާއާއި ރޭޕްގެ ތުހުމަތުގައި ދައުވާކުރިނަމަވެސް އެ ދައުވާތައް ދައުލަތުންވަނީ އަނބުރާ ގެންގޮސްފައެވެ. އެކަމަކު ކޯޓު ހުރުމަތް ކެނޑުމުގެ މައްސަލައެއްގައި އަލީ ވަހީދުގެ މައްޗަށް ޖަލު ހުކުމެއް ސުޕްރީމް ކޯޓުންވަނީ އިއްވާފައެވެ. އެހެންކަމުން ސުވާލަކީ މިއަދު އަލީ ވަހީދު ހައްޔަރުކޮށްގެން ޖަލަށް ގެންދާނެތޯއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް މައްސަލައެއް ކްރިމިނަލް ކޯޓުގައި އޮއްވާ، އެ ކޯޓުގެ ގާޒީ ހަސަން ސައީދުވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ދެއްވާފައެވެ. އެއާއެކު ރާއްޖޭން ބޭރަށް ވަޑައިގެންނެވި ގޮތަށް އަލީ ވަހީދު މިއަދާ ހަމައަށް އުޅުއްވީ ރާއްޖޭން ބޭރުގައެވެ.

އަލީ ވަހީދުގެ ބަންދާ ގުޅިގެން ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގި އެންގުމާ އެއްގޮތަށް ކޯޓަށް ހާޒިރުވެފައިނުވާތީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް އެ ކޯޓުން ހުކުމް ކުރީ، 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ހުކުމާ އެއް ގޮތަށް އަލީ ވަހީދު މިއަދު ޖަލަށް ގެންގޮސްފިނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެންމެ ފޯރިގަދަ މުއްދަތުގައި އަލީ ވަހީދު ހުންނާނީ ޖަލު ބަންދުގައެވެ.

ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު އަލީ ވަހީދު މައްސަލައައިގައި ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ހުކުމުގައި ބުނީ، އަލީ ވަހީދުގެ އަމަލުތަކުން ކޯޓުތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ކަމަށެވެ. އަދި ވަކި މީހަކަށް ވަކި ގޮތެއް ހަމަޖެހޭ ކަމަށް ރައްޔިތުންގެ މެދުގައި އިހުސާސް ކުރެވޭ ނަމަ ކޯޓުތައް ހުރުމުގެ ބޭނުމާ މެދު ސުވާލު އުފެދޭނެ ކަމަށް ހުކުމުގައިވެ އެވެ. އެފަދަ ތަސައްވަރެއް އުފެދޭ ނަމަ ގާނޫނުއަސާސީ ދިފާއު ކުރުމަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޓުގެ ހުކުމުގައިވެ އެވެ.

ދައުލަތުގެ އެހެން ބާރުތަކާ ހިލާފަށް ކޯޓުތަކުގެ އަމުރުތައް ތަންފީޒުވުން ބިނާވެފައި ވަނީ، ކޯޓުތަކުން އަދުލު އިންސާފު ލިބޭނެ ކަމަށް އަދި ކޯޓުތަކުގެ އަމުރުތަކާއި ހުކުމްތަކަށް އެންމެން ބޯލަނބާނެ ކަމަށް ކަން ހުކުމުގައި ފާހަގަ ކުރި އެވެ. އެހެންވެ، ކޯޓުތަކުގެ ނިންމުންތައް އަލީ ވަހީދު ތަބާ ނުވުމުން އޭނާގެ މައްޗަށް ފިޔަވަޅު ނޭޅި ދޫކޮށްނުލެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ފިޔަވަޅު ނޭޅި ކޯޓުތަކުން މިކަމާ މެދު ކަމެއް ނުކުރެވި، މައްސަލަތައް ހިންގޭ ގޮތެއް ނުވެ، އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވަރު އުފެދޭ ކަމެއް. އެހެންކަމުން އަލީ ވަހީދާ މެދު ގާނޫނުގައިވާ ގޮތަށް ކޯޓުތަކުން އަމަލު ކުރަން ޖެހޭނެ،" ހުކުމުގައިވެ އެވެ.

ކޯޓުތަކަކީ ކުޅޭކުޅޭ އަދި ހަރުދަނާ ކަމެއް ނެތް ކަމަށް ދޭހަވާ ގޮތަށް، ކޯޓުތަކުން ގާނޫނީ ބާގަނޑުތައް ބޭނުންކޮށގެން ގާނޫނުގެ ބާރު ބައެއް މީހުންނަށް ނުފޯރާ ކަމަށް ދޭހަވާ ގޮތަށް އެއްވެސް ކޯޓަކުން އަމަލުކޮށްގެން ނުވާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

"އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ކުރާ ކޯޓުތަކަކީ ކުޅޭކުޅޭ އަދި ހަރުދަނާ ކަމެއް ނެތް ކަމަށް ދޭހަވާ ގޮތަށް ގާނޫނުތައް މާނަކޮށް، އިޖުރާއީ ބާގަނޑުތައް ފޭކޮށް، ގާނޫނުގެ ދިގު އަތް ބައެއް މީހުނަށް ނުފޯރާ ކަމުގެ ތަސައްވުރު އުފެދޭ ގޮތަށް އެއްވެސް ކޯޓަކުން ގާނޫނު މާނަކޮށްގެން ނުވާނެ،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރެއްވި އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް