ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-
އަޅުގަނޑު ފްރޭމް ކުރުމުގައި ރައީސް ސޯލިހްގެ ދައުރެއް އޮތްކަމަށް ގަބޫލެއްނުކުރަން: އަލީ
އޭނާ ފްރޭމްކުރުމުގައި ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެއްވެސް ދައުރެއް އޮތްކަމަކަށް ގަބޫލު ނުކުރައްވާ ކަމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ދެ އަހަރު ދުވަސްވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އެއްނަންބަރު ފާލަމުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ. 

އިތުރަށް ވާހަކަފުޅުދައްކަވަމުން އަލީ ވިދާޅުވީ އޭނާ މައްޗަށް ކުރެއްވި ތުހުމަތު ތަކަކީ އޭނާ ފްރޭމް ކުރުމަށް ބަޔަކު އަޑީގައި ތިބެގެން ކުރެއްވި ކަމެއް ކަމަށާއި، އަދި އެކަމުގައި މިހާރުގެ ރައީސް ސޯލިހުގެ އެއްވެސް ދައުރެއް އޮތްކަމަށް އޭނާ ގަބޫލެއް ނުކުރައްވާ ކަމަށެވެ. 

އަލީ ވަހީދު ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރުފަހު 1:00 ހާއިރުއެވެ. ބޭސްފަރުވާއަށްކަމަށް ވިދާޅުވެ 2021 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 21 ވަނަދުވަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ އޭނާގެ މައްޗަށް ދައުލަތުން 7 ދައުވާއެއް އުފުލާފައިވަނިކޮށެވެ. އަދި ރާއްޖެވަޑައި ނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.

މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ވިދާޅުވީ، އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޫބަރު 6، 2022 ގައި ޕީޖީ އޮފީހުން އަލުން ފުލުސް އޮފީހަށް ފޮނުވާފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް