ads
ޑިސްޓްރިބިއުޝަން ސެންޓަރެއް: ކޮންމެ ސެންޓަރެއްގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއި ޑްރައިޑް ސްޓޯ ފެސިލިޓީއެއްގެ އިތުރުން އޮފީހެއް ހުންނާނެ - ފޮޓޯ:އެގްރޯނެޓް
އެގްރޯނެޓުގެ ނުވަ ޑިސްޓްރިބިއުޝަން ސެންޓަރުގެ މަސައްކަތް ނިންމައިފި
ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ގާއިމު ކުރާ ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ މަސައްކަތް ނިމިފައިވާ ކަމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ބުނެފިއެވެ.

އެގްރޯނެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރުތައް ތަރައްގީ ކުުރުމުގެ މަޝްރޫއަކީ ދަނޑުވެރިން ހައްދާ ތަކެތި ތާޒާ ކަމާ އެކު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ކޮންމެ ސެންޓަރެއްގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއި ޑްރައިޑް ސްޓޯ ފެސިލިޓީއެއްގެ އިތުރުން އޮފީހެއް ހުންނާނެ ކަމަށް އެގްރޯނެޓުން ބުނެއެވެ. އެ ސެންޓަރުތައް ހިންގުމަށް ހަމަޖެހިފައިވަނީ އަވިން ހަކަތަ އުފައްދައިގެންނެވެ. އެ ކޯޕަރޭޝަނުން ބުނެފައިވަނީ ކޯލްޑް ސްޓޯރޭޖްތަކުން އެ ސަރަހައްދެއްގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.

އެގްރޯނެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމު ކުރާ ރަށްތަކުގެ ތެރޭގައި ނ. މަނަދޫ، ރ. ކިނޮޅަސް، ފ. މަގޫދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ގަން، ގއ. ނިލަންދޫ، ޏ. ފުވައްމުލައް އަދި ސ. ހުޅުމީދޫ ހިމެނެއެވެ. އެ ކޯޕަރޭޝަނުން އެ މަސައްކަތް ކުރިއަށް ގެންދަނީ ޔޫއެންޑީޕީގެ އެހީތެރިކަމާ އެކުގައެވެ.

އެގްރޯނެޓަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ބޭނުމުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކޯޕަރޭޝަނުން އަންނަނީ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަކެތި އުފެއްދޭނެ މަގު ތަނަވަސްކޮށްދިނުމާ އެކު، އުފައްދާ އުފެއްދުންތައް ބާޒާރުގައި މާކެޓު ވެސް ކޮށްދެމުންނެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް