އުތީމު ގަނޑުވަރު ކަމުގައި ބެލެވޭ ގެއަކީ އުތީމު 4 ބެއިންގެ ބައްޕަ ހުސައިން ހަތީބު ތަކުރުފާނުގެ ގެއެވެ. މިގެއަކީ މިހާރު ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެއެވެ. މިގެ ޢިމާރާތް ކުރެވުނު ފަހުން ގާތްގަނޑަކަށް 500 އަހަރަށްވުރެ ގިނަވެދާނެއެވެ.
އުތީމު ގަނޑުވަރު ބާވެ އެތަނުގެ ފުރާޅުން ފެން ފޭބުން ފަދަ މައްސަލަތަކަކީ ގިނަ ބައެއްގެ ކަންބޮޑުވްތަކެކެވެ. އިންޑިއާގެ މި އެހީގެ ދަށުން ގަނޑުވަރު ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ހާރިޖީ ވަރީޒު އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ ދަތުރު ފުރުޅުގެ ތެެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެެވެ.
އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އިބްރާހީމް ޝަހީބެވެ.
އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރެވެ. މި ރަސްމިއްޔާތުގައި ދެ ގައުމުގެ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.
އުތީމު ގަނޑުވަރު ހިމާޔަތް ކުރުމުގެ އިތުރުން 8 އެއްބަސްވުމެއްގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ވަނީ ސޮއިކޮށްފައެވެ.
އެއްބަސްވުންތަކަކީ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމް"ގެ ދެވަނަ ފިޔަވަހީގެ ދަށުން ވެވުނު އެއްބަސްވުންތަކެކެވެ، އެގޮތުން މި އެއްބަސްވުންތަކުގެ ތެރޭގައި ށ. ކަނޑިތީމުގައި ވޯލީ ކޯޓެއް ތަރައްގީކުރުމާއި، ށ. ފޯކައިދޫ އިޖުތިމާއީ މަރުކަޒަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، ރ. އުނގޫފާރުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ޔުނިޓެއް ހެދުމާއި، މ. ދިއްގަރުގައި ގޭދޮށު މަސް ޕްލާންޓް ހެދުމާއި، ތ. ވިލުފުށީ ސްކޫލް ޑިޖިޓަލައިޒްކުރުމާއި، ފ. ނިލަންދޫ ހޮސްޕިޓަލް ތަރައްގީކުރުމާއި، ސަރުކާރު ސްކޫލްތަކުގެ ކޮމްޕިއުޓަރު ލެބްތައް އަޕްގްރޭޑް ކުރުމާއި، ގއ. ކޮނޑޭގެ މަގުބައްތި ޖެހުން ފަދަ ޕްރޮޖެކްޓުތައް ހިމެނެއެވެ.
މި ދަތުރުފުޅުގައި އަންގާރަދުވަހު ދެ ގައުމުގެ ވަޒީރުން ވަނީ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންނާއި، ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.