އާބާދީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ މިހާރު މުއްސަނދިންނާއި ފަގީރުންގެ މެދުގައި ހުރި ފަރަގު ބޮޑު ވެފައިވާ ކަމަށާއި މިއަދު ސާފު ބޯފެން ފޮދެއް ނުލިބޭ އެތައް ބަޔަކު ތިބި ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަދި ގަދަމީހާ ގަދަވެ، ބަލި މީހާ ބަލިވާ ހަމަ މިހާރު ނެތި ގޮސްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ގެންގުޅޭ ސިޔާސަތަކީ އެންމެން ހަމަހަމަކުރުމުގެ ސިޔާސަތުކަމަށެވެ. މިއަދުގެ ދުނިޔެއަކީ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަންކަން ކުރާ ދުނިޔެ އެއް ކަމަށާއި ބޯހިމެނުން ފަދަ ކަންކަން މުހިންމު ވަނީ އެ ސަބަބާއި ހުރެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
މިހާތަނަށް ދުނިޔެ އޮތީ ފިރިހެނުން ޑޮމިނޭޓް ކުރާ ނުވަތަ ލީޑްކުރަމުން އައި ތަނެއް ކަމަށާއި އެކަން ބަދަލުކުރަމުންއަންނަ ކަމަށެވެ. މީގެ އިތުރުން މިންތީގެ ހަމަހަމަކަމުގެ ވާހަކަ ދައްކާއިރު ގިނައިން ދައްކަނީ އަންހެނުންގެ ހައްގުތަކުގެ ވާހަކަ ކަމަށާއި ސަބަބަކީ މިހާތަނަށް އައި އިރު އަންހެނުންނާއި ފިރިހެނުންނާއި ދެމެދު ގެންގުޅެމުން އައި ފަރަގުކަމަށް އަސްލަމް ވިދާޅުވިއެވެ. މިއީ ހަމައެކަނި ފިރިހެނުންގެ ދުނިޔެ އެއް ނޫން ކަމަށާއި މިހާރު ބަލައިގަންނަ ހަމައަކީ އެއީ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަށާރަ ސަތޭކައިގެ އަހަރުތަކުގައި ދުނިޔޭގެ އާބާދީއަކީ 1 ބިލިއަން ކަމަށާއި އޭރު އިންސާނުން ދުނިޔެ އަށް ބޮޑު އިންގިލާބެއް ގެނައި ކަމަށެވެ. މިއަދު ދުނިޔޭގައި 8 ބިލިއަން މީހުން ތިބި އިރު، 117 ބިލިއަން މީހުން މިހާތަނަށް އުފަންވެފައިވާ ކަމަށް ދިރާސާ ކުރާ މީހުން ބުނާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއީ އިންޑަންސްޓްރިއަލް ރެވެލިއުޝަން ކަމަށާއި އެ ހިސާބުން އުފެއްދުންތެރިކަމާއި ސިއްޙީ ފަރުވާ ފަދަ ކަންކަން ވަރަށް ބޮޑަށް ފުޅާވެގެން ދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަން އެންމެ ބޮޑަށް ފެނުނީ 1950ގެ އަހަރުތަކުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ފެނާއި، ބިމާއި ވައި ފަދަ ކަންކަމަކީ މިންތަކެއް ކަނޑައެޅިފައިވާ އެއްޗެހިތަކެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އާބާދީގެ ދުވަހާއި މެދު ވާހަކަ ދައްކަން ޖެހެނީ ގުދުރަތީ ވަސީލަތްތައް ބޭނުން ކުރާ އިރު އިންސާނުން ދިރި ދިބުމަށް ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރަން ޖެހޭކަން ގަބޫލުކުރެވުން ކަމަށް އަސްލަމް ވިދާޅުވިއެވެ.