ads
އޯއައިސީ ބައްދަލުވުމުގައި
ކީރިތި ޤުރުއާން އެންދި މައްސަލައިގަ ރާއްޖޭން އަޑުއުފުލައިފި
މުސްލިމުންނާއި ދެކޮލަށް ހިންގާ އެކި ޢަމަލުތަކާއި، މުސްޙަފް އެންދުން ފަދަ ނާތަހުޒީބު ޢަމަލުތައް ނިމުމަކަށް ގެނައުމަށް ދިވެހި ރާއްޖެއިން ގޮވާލައިފިއެވެ.

މިމައްސަލަ އާއި ގުޅިގެން އޯ.އައި.ސީ. ގެ އެދުމުގެ މަތިން، އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ވަނީ ކީރިތި ގުރުއާނުގެ މުސްހަފު އެންދުމުގެ ހާދިސާތަކާއި ގުޅިގެން އިތުރަށް މަޝްވަރާކުރުމަށްޓަކައި 11 ޖުލައި 2023 ވަނަ ދުވަހު އެމަޖިލީހުގެ 53ވަނަ ބައްދަލުވުމުގެ ތެރެއިން އާޖެންޓް ޑިބޭޓެއްވަނީ ބާއްވާފައެވެ.

މި ޑިބޭޓްގައި ދިވެހިރާއްޖޭގެ ސަރުކާރުގެ ފަރާތުން ދާއިމީ މަންދޫބު ދެއްވި ހިތާބުގައި އެމަނިކުފާނު ވަނީ ކީރިތި ގުރުއާނުގެ މުސްހަފު އެންދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ ޢަމަލުތަކުގެ ސަބަބުން އިޖުތިމާޢީ ފޭރާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި މިފަދަ އަމަލުތަކަކީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭކަން ފާހަގަކުރައްވާފައެވެ. އަދި މުޖުތަމައުގެ ހަމަޖެހުމާއި މަސަލަސްކަން ގާއިމުކުރުމަށް މިފަދަ އަމަލުތައް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ.

ދީނާމެދު ނަފްރަތު އުފެދޭ އަދި ތަފާތުކުރުންތަކާއި ހަމަނުޖެހުމަށް ހިއްވަރުދޭ ޢަމަލުތައް ހުއްޓުވުމުގެ ނިޔަތުގައި އޯ.އައި.ސީ އިން ވަނީ އިސްވެދެންނެވުނު ޑިބޭޓްގެ ތެރެއިން ގަރާރެއްވެސް ހުށަހަޅާފައެވެ. އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 28 މެމްބަރު ގައުމެއްގެ ތާއީދުލިބި އެމަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން މިގަރާރު ވަނީ ފާސްވެފައެވެ. އޯ.އައި.ސީ. ގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ވޯޓުލާފައިވަނީ މިގަރާރާ އެއްކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް