ads
އާސަންދަ އޮފީސް: އާސަންދައަށް ބަޖެޓުގައި ކަނޑައެޅި އަދަދު ހަމަވެ އިތުރަށް ވަނީ ހޭދަކޮށްފައި - ފޮޓޯ:އާސަންދަ
އާސަންދަައިން ބަޖެޓަށްވުރެ އިތުރަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި
މި އަހަރަށް ދައުލަތުގެ ބަޖެޓުގައި އާސަންދައަށް ކަނޑައެޅި އަދަދު ހަމަވެ އިތުރަށް 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 1.15 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އާސަންދައަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 1.04 ބިލިއަން ރުފިޔާއެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އާސަންދައަށް ހޭދަކުރި 904.1 މިލިއަން ރުފިޔާއަށްވުރެ 250.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އަހަރު ނިމެން އަދި ހަ މަސް ދުވަސް އޮތްއިރު، މިދިޔަ އަހަރުވެސް އަހަރުގެ މެދުތެރޭގައި އާސަންދައަށް ކަނޑައެޅި ބަޖެޓު ހުސްވިއެވެ.

އާސަންދައަށް މިދިޔަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 730.9 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އާސަންދަ ބަޖެޓު ހުސްވުމާ ގުޅިގެން ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި، އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. ސަޕްލިމެންޓްރީ ބަޖެޓާ އެކު މިދިޔަ އަހަރުގެ އާސަންދަ ބަޖެޓަކީ 1.6 ބިލިއަން ރުފިޔާ ކަމަށް ވީނަމަވެސް އަހަރު ނިމުނުއިރު އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އެރިއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އާސަންދައަށް ކަނޑައަޅާފައިވާ އަދަދުން ނުފުދިގެން ސަޕްލިމެންޓްރީ ބަޖެޓު ހަދައިގެން އިތުރަށް ހަރަދު ކޮށްފައިވެއެވެ.

ފަގީރުންނާއި މުއްސަނދީންނަށް އާސަންދައިގެ ހިދުމަތް އެއްހަމައަކުން ދެމުންގެންދާއިރު، މި ނިޒާމް އެކުލަވާލެވިފައިވަނީ ދައުލަތުން ބޮޑު ހަރަދެއް ހިނގާ ގޮތަށް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެކަމާ ހުރެ، "ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލް" އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް