ads
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލާ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނީ - ފޮޓޯ:އެމްޓީސީސީ
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލާ ބްރިޖުގެ މަސައްކަތް މާޗު މަހަށް ނިމޭނެ
ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތް އަންނަ މާޗް މަހަށް ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅާ ބްރިޖާ ގުޅޭގޮތުން އާޒިމް ވިދާޅުވީ އެ މަސައްކަތަކީ ދެ ރަށުގެ ރައްޔިތުންނަށްވެސް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
މިދިޔަ ސަރުކާރުގައި އެ ތަނުގައި ހެދި ކޯޒްވޭއަކީ ވެލިބެޑުތަކެއް ޖައްސައިގެން ހެދިތަނެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެކަމުގެ ސަބަބުން އުދައަރައި ރަށުގެ މުހިންމު ދެ ތަނެއް ގިރާލައިގެން ގޮސްފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވެފައިވަނީ އެ ކުންފުނިން ބަލާފައިވަނީ ވެލި ބެޑު ނެގޭނެ ގޮތަކަށް މަސައްކަތް ކުރުމަށް ކަމަށާއި އެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ބްރިޖް އެޅުމާ އެކު ރަށް ގިރުމުގެ މައްސަލައަށް ހައްލު ލިބޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވި ގޮތުގައި ގިރާ ސަރަހައްދުތަކަށް ވެލި އަޅައި އެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. 
މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް އެމްޓީސީީސީން އަމާޒު ހިފާފައިވަނީ އަންނަ ފެބްރުއަރީ މަސް ނިމޭހާ ތަނަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވެފައިވަނީ މަޑަވެއްޔާއި ހޯޑެއްދޫގެ ގުޅާލުމަށް އަޅާ ތިމާވެއްޓާއި ރައްޓެހި ބްރިޖުން މާޗު މަހު އެ ދެ ރަށުގެ ރައްޔިތުން ދަތުރުކުރަން ފަށާނެ ކަމަށެވެ.
ބްރިޖުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު އެމްޓީސީސީން މިހާރު ކުރަމުން ދަނީ ތަނބު ޖެހުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ތެރެއިން 17 ތަނބު ޖެހުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ދެ ތަނބު ވަނީ ޖަހާފައެވެ.

your imageބްރިޖާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މައުލޫމާތު ދެއްވަނީ - ފޮޓޯ:އެމްޓީސީސީ

މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅާ ބްރިޖު މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް، ބްރިޖުގެ 2،544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުމާ އެކު، 4،596 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި 1،378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިން ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 84.17 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް