އެ ހިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް އާރުޓީއެލް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމަށެވެ.
ހިލޭ ދަތުރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމާ އެކު ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ މި މުއްދަތުގައި ދަތުރުކުރުމަށް ޖާގަހޯދުމަށް ގުޅަން ޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށް ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޒޯން ފަހެއްގެ ގއ. އަދި ގދ. އަތޮޅުގެ އާރުޓީއެލް ފެރީ ހިދުމަތުން ފައިސާ ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ދޭން ފެށުމާ އެކު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށެވެ.
އެ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ޓިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރުޓީއެލް ޓްރެވަލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނެފައިވަނީ ކިއުއާރު ޓިކެޓް ގަންނާނެ ގޮތުގެ ވީޑިއޯ އެ ކުންފުނީގެ އާރުޓީއެލް ޔޫޓިއުބް ޗެނަލް އަދި މީސްމީޑިއާ މަންސަތަކުގައި ޝާއިއުކުރެވިފައިވާނެ ކަމަށެވެ. އާރުޓީއެލް ޓްރެވަލް އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރުންނާއި ގޫގްލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި ރަސްމީކޮށް އަގު ނަގައިގެން ހިދުމަތްދޭން ފެށުނު ނަމަވެސް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.
އާރުޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންނަށް އަރާމުކަމާ އެކު ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެ ކުންފުނިން ބުނީ އާރުޓީއެލް ފެރީތަކުގެ ކައްޕީންނާއި ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކެއް ކަމަށެވެ. މި އުޅަނދުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ވީލް ޗެއާ ސްޕޭސް އާއި ސްޓްރެޗަ ސްޕޭސް ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ޒޯން ފަހެއްގެ ގއ. އަދި ގދ. އަތޮޅުގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ހިދުމަތް ހަފުތާގެ ހުރިހާ ދުވަހަކު އާރުޓީއެލް ބްރޭންޑުގެ ހަ ސްޕީޑް ފެރީ މެދުވެރިކޮށް ނުވަ ރޫޓަކުން ލިބޭނެ ކަމަށެވެ.
އާރުޓީއެލް ފެރީގެ ހިދުމަތުގެ ޝެޑިއުލް އާރުޓީއެލް ވެބްސައިޓް އަދި އާރުޓީއެލް ޓްރެވަލް އެޕްލިކޭޝަން މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނެފައިވަނީ ހިދުމަތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ނަމަ އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެދޭ ކަމަށެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީން ބުނެއެވެ.