ads
ހޯރަފުށި އެއާޕޯޓް: އެސްއޯއީތަކަށް ލިބުނު ފައިދާ 35 އިންސައްތަ ވަނީ ދަށްވެފައި - ފޮޓޯ:ރީޖަނަލް އެއާޕޯޓްސް
ސަރުކާރު ކުންފިތަކަށް މިދިޔަ އަހަރު ލިބުނު ފައިދާ 35 އިންސައްތަ ދަށަށް
މިދިޔަ އަހަރު ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ތަކަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިދާގެ ގޮތުގައި ލިބުނު މިންވަރު ކުރީ އަހަރާ އަޅާބަލާއިރު 35 އިންސައްތަ ދަށްވެއްޖެއެވެ.
Advertisement

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ އެސްއޯއީތަކުގެ ކުއާޓާލީ ރިޕޯޓުތަކުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 5.6 ބިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 35 އިންސައްތައިގެ ދަށްވުމެކެވެ. އެސްއޯއީތަކަށް 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 6.1 ބިލިއަން ރުފިޔާއެވެ.

އެސްއޯއީތަކަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވި ނަމަވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު އެސްއޯއީތަކަށް އާމްދަނީގެ ގޮތުގައި 46 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ކުރީ އަހަރު އާމްދަނީގެ ގޮތުގައި އެސްއޯއީތަކަށް ލިބިފައިވަނީ 36 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްއޯއީތަކަށް ބޮޑު ފައިދާއެއް ވިނަމަވެސް މުޅި އަހަރަށް ލިބުނު ފައިދާ ދަށްވެފައިވަނީ ބޮޑެތި ބައެއް ކުންފުނިތަކުގެ ފައިދާ ދަށްވުމާ ގުޅިގެންނެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބުނުއިރު ފަހު ކުއާޓާގައި ލިބުނީ 1.4 ބިލިއަން ރުފިޔާއެވެ.

އެސްއޯއީތަކުގެ ފައިދާ ދަށްވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަދަ ކުންފުނިތަކުގެ ފައިދާ ދަށްވުމާ އެކު، އާސަންދަ ކޮމްޕެނީ ލިމިޓެޑާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އިތުރުން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ފަދަ ކުންފުނިތަކުން ލިބުނު ގެއްލުން ބޮޑުވުމުގެ ސަބަބުންނެވެ.

މި އަހަރުގެ މިހާތަނަށް އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް 228 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެސްއޯއީތަކުން ލިބޭ ފައިދާއިން ދައުލަތަށް 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

އެސްއޯއީގެ ގޮތުގައި 30 ކުންފުންޏެއް ސަރުކާރުން ހިންގަމުން އަންނައިރު އޭގެ ތެރެއިން ފައިދާވަނީ 50 އިންސައްތަ ކުންފުނިންނެވެ. މި އަހަރުގެ ބަޖެޓުގައި އެސްއޯއީތައް ހިންގުމަށް 760 މިލިއަން ރުފިޔާ ހޭދަކުރުމަށް ކަނޑައަޅާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް