އެމްޓީސީސީން ހޯރަފުށީގައި ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ރަށަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވެފައިވަނީ އެ ރަށުގެ ކައިރިން އިތުރު ދެ ރަށް ހިއްކާ ނިމިފައިވާ ކަމަށާއި ތިންވަނަ ރަށެއް ހެދުމަށް ހުއްދަ ލިބިފައިވާ ކަމަށެވެ. އެ މަސައްކަތްތައް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިހާރު ހިއްކާފައިވާ ދެ ރަށުގައި ވަރަށް ރީތި ބީޗެއް ހެދިފައިވާ ކަމަށެވެ.
ހޯރަފުށީގައި ފަސް ޕްރޮޖެކްޓެއްގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވެފައިވަނީ އެ ރަށުގެ އެއާޕޯޓަށް އަރާފޭބުމަށް ހަދަމުންދާ ޖެޓީގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އެއާޕޯޓު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އުދައެރުމުގެ މައްސަލަ ހައްލުކުރުމަށް ރިވެޓްމަންޓް ޖަހާ ނިމިފައިވާ ކަމަށެވެ.
ޖުވެނައިލް ޖަސްޓިސް ޔުނިޓު އެޅުމުގެ މަސައްކަތް އޮގަސްޓު މަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން އިމާރާތްކުރަމުންދާ ޕްރީސްކޫލުގެ މަސައްކަތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ނިންމާ ކައުންސިލާ ހަވާލުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވެފައިވަނީ ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 12 މަގުގައި ތާރުއެޅުމަށް ކުރާ މަސައްކަތުގެ ތެރެއިން 11 މަގެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވި ގޮތުގައި މަގުތަކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ޕްލޭނިން މިނިސްޓްރީ އާ މަޝްވަރާކުރަމުންދާ ކަަމުގައެވެ.