ads
މިދިޔަ އަހަރު ރާއްޖެ އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ބޭއްވި ހަރަކާތުގެ ތެރެއިން: މޯލްޑިވްސް ބޯޑަ މައިލްސް
އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެ: ޓޫރިޒަމް މިނިސްޓްރީ
މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެއަށް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ފަތުރުވެރިޔާ ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ މާދަމާގެ މެންދުރު ކުރީގެ ވަގުތެއްގައި ކަމަށެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތްތައް ބާއްވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.


ކޮންމެ އަހަރަކުވެސް ރާއްޖެއަށް އަންނަ ފުރަތަމަ ފަތުރުވެރިޔާ އަދި ހާއްސަ އަދަދުތައް ހަމަވާ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައި ހާއްސަ ހަރަކާތްތައް ބާއްވައެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަލުން އަންނަން ފަށާފައިވުމުން މި އަދަދަށް ވުރެ 10 އިންސައްތަ އިތުރަށް ފަތުރުވެރިން އަންނާނެކަމަށް ސަރުކާރުން މިހާރު ލަފާކުރެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 984،635 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ. އެންމެ ބާރަށް ކުރިއަރަމުން އަންނަ މާކެޓަކަށް ޗައިނާވެފައިވާއިރު، އެ ގައުމުވެފައިވަނީ ހަތަރުވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން މިހާރު އަންނަމުންދާ ގައުމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. މި އަހަރު އެ ގައުމުން އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް