ads
ޔާމީން ޝަރީއަތުގައި
ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ވެސް ތާވަލުކޮށްފި
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑު އެހުމެއް އާދިއްތަ ދުވަހަށް ވެސް ތާވަލުކޮށްފިއެވެ.
Advertisement

ރައީސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފައިވާއިރު، މި ދިޔަ ބުރާސްފަތި ދުވަހުވެސް މި މައްސަލައިގެ އަޑު އެހުމެއް އޮތެވެ. ބުރާސްފަތި ދުވަހު އޮތީ، ފުއްގިރި މައްސަލައިގައި ހިމެނޭ ކްރިކް ރިޒާގެ ދައުވާގެ ބައި ނަގައި، ރައީސް ޔާމީންގެ ދައުވާގެ ބައި ވަކިން ގެންދަން ނިންމި ފަހުން އޮތް ފުރަތަމަ އަޑު އެހުމެވެ. ފުއްގިރި މައްސަލައިގެ ޝަރީއަތް، އަހްމަދު ކްރިކް ރިޒާއާ ހެދި ލަސްވަމުންދާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިގެން އެ ބައި ނެގުމަށް ފަހު، ޔާމީންގެ ބައި ކުރިއަށް ގެންދަން ފެށީ ބުރާސްފަތި ދުވަހުއެވެ.

ފުއްގިރި މައްސަލައިގައ ޔާމީންގެ ބައި ވަކިން ގެންދަން ނިންމުމުގެ ކުރިން އެންމެ ފަހުން ތާވަލު ކުރި ހުރިހާ އަޑު އެހުމެއް ކެންސަލް ކުރަން ޖެހުނީ، ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ. އީދު ބަންދުގެ ކުރިންވެސް މި މައްސަލައިގެ ދެ އަޑުއެހުމެއް ކެންސަލް ކޮށްފައިވާ އިރު، އީދު ފަހުން ތާވަލު ކުރި އަޑު އެހުންތައްވެސްވީ ކެންސަލެވެ. އެންމެ ފަހުން އެ ބައި ދައުލަތުން އެދިގެން ނެގީއެވެ.

މި މައްސަލައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށް ޕީޖީން ދެކެއެވެ. އެކަމަށް ރިއާޔަތްކޮށް، ޕީޖީން އެދިފައިވަނީ ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ގެންދިޔުމަށެވެ.

ފުއްގިރި މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ވެސް ކުރެއެވެ.

މި ޝަރީއަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަނެއްކޮޅުން ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިމަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލާނެއެވެ. މުއްދަތު ހަމަވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ. ރައީސް ޔާމިންގެ މައްސަލަތައް މި މުއްދަތު ހަމަވުމުގެ ކުރިން ނިމޭނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގެ މެންބަރު ޑރ. އަހުމަދު ޖަމީލް ވެސް ވަނީ ވިދާޅުވެފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް