މުލަކުގައި ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ ކޯލިޝަން ބައިވެރިންނާއެކު ބޮޑު ޖަލްސާއެއްވެސް ބާއްވާފައެވެ.
އޭގެ ކުރިން ކޮޅުފުށީގައި ހޮނިހިރު ދުވަހު ދުވާލު ބޭއްވި ބައްދަލުވުމެއްގައި ރައީސް ސާލިހު ވަނީ ރައީސް ޔާމިން އެ ސަރަހައްދުގައި ހުރި ރަށްތައް ވިއްކާލުމުގައި 'ޖަރީމާ' އެއް ހިންގަވާފައިވާކަމަށް ވިދާޅުވެ އެ ކަމުގެ ތަފްސީލު ރައްޔިތުންނަށް އޮޅުންފިލުވާދެއްވާފައެވެ. އެގޮތުން ތިން ރަށް އެއް ރަށުގެ ގޮތުގައި ވިއްކާލުމާއި، އޮޅިގެން ކަމަށް ބުނެ ނުވިއްކާ ރަށްރަށުގައި ރިސޯޓު ހެދުން ފަދަ ކަންކަން ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ޕީޕީއެމުން އެ ރަށުގައި ރައީސްގެ ދަތުރުފުޅާ ދިމާކޮށް މުޒާހަރާކޮށްފައިވާއިރު، ޕީޕީއެމް އަދި ޕީއެންސީ ގެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޕީޕީއެމުން ރިޔާސީ އިންތިހާބުގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެކަމަށް ބުނެފައެވެ.
ޕީޕީއެމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނެރެފައިވާ ކުރީގެ ރައީސް ޔާމިން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެމަނުކުފާނުގެ އިސްތިއުނާފު މައްސަލަ ހައިކޯޓަށް ހުށަހެޅިފައި ވީނަމަވެސް އެ މައްސަލަވެސް އޮތީ ދެ ގާޒީއަކު ޗުއްޓީ ނެންގެވުމުގެ ސަބަބުން މަޑުޖެހިފައެވެ.
ކްރިމިނަލް ކޯޓުގައި ވެސް ފުއްގިރި ކިޔާރަށެއް ވިއްކާލައި މައްސަލަ އަންނަނީ ކުރިއަށް ދަމުންނެވެ.
މިމަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލާނެއެވެ. އެ ފުރުސަތު އޮންނާނީ 14 ދުވަސް ވަންދެނެވެ. އެ މުއްދަތު ހަމަވާއިރު ރައީސް ޔާމިން އަށް ޖަލުހުކުންތަކުން މިންޖުނުވެވިއްޖެނަމަ ރިޔާސީ އިންތިހާބުގައި ކުރިމައްޗެއް ނުލެވޭނެއެވެ.