އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ހިމެނޭ އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނާއި ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ. އެހެންނަމަވެސް ތަކުރާރުކޮށް މައްސަލަ ކެންސަލްވަމުން ދިޔުމާ ގުޅިގެން ދައުވާއިން ކްރިކް ރިޒާގެ ބައި ދައުލަތުން އެދިގެން އުނިކުރީއެވެ.
ޔާމީންގެ ބައި ވަކިން ކުރިއަށް ގެންދަން ނިންމައި، ބުރާސްފަތި ދުވަހު މައްސަލަ އަލުން ފަށައި، މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ދައުލަތުގެ ހެކިން ހާޒިރު ނުވެގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. މިހާތަނަށް ދައުލަތުން ހުށަހެޅި އަށް ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ. އޭގެ ތެރޭގައި ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މޭސްތިރިންނެވެ.
މި މައްސަލައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށް ޕީޖީން ދެކެއެވެ. އެކަމަށް ރިއާޔަތްކޮށް، ޕީޖީން އެދިފައިވަނީ ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ގެންދިޔުމަށެވެ.
ފުއްގިރި މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ވެސް ކުރެއެވެ.