
ކީރިތި ޤުރުއާނުގެ ހުރުމަތް ކެނޑުމަށްޓަކައި ދާދި ފަހުން ހިންގުނު ޙަރަކާތްތައް އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެދުމުގެ މަތިން މިމަހުގެ 11 ވަނަ ދުވަހު ކުއްލި ބަހުސެއް ވަނީ ބާއްވާފައެވެ. މިބައްދަލުވުމުގައި ވަނީ ކީރިތި ޤުރުއާންގެ މުސްހަފު އެންދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރެޒޮލިއުޝަނެއް ފާސްކޮށްފައެވެ. "ކައުންޓަރިން ރިލިޖަސް ހޭޓްރެޑް ކޮންސްޓިޓިއުޓިންގ އިންސައިޓްމަންޓް ޓު ޑިސްކްރިމިނޭޝަން، ހޮސްޓިލިޓީ އޯ ވަޔަލަންސް"ގެ ސުރުހީގެ ދަށުން ފާސްކުރެވުނު މިރެޒޮލިއުޝަންގެ ކޯ-ސްޕޮންސަރެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ރެސޮލިއުޝަންގެ އިތުރުން އިންސާނީ ހައްގުތަކާބެހޭ މަޖިލީހަށް ހުށަހެޅުނު 32 ރެސޮއިލުޝަންގެ ތެރެއިން 14 ރެސޮލިއުޝަނެއް ރާއްޖެއިން ކޯ ސްޕޮންސާކޮށްފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުން ސްވިޓްޒަލެންޑުގެ ޖެނީވާގައި ކުރިއަށް ދިޔައިރު ރާއްޖެއިން 32 ސްޓޭޓްމަންޓުވެސް ހުށަހެޅިކަމަށެވެ.
ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވި މަންދޫބުން
ރާއްޖެއިން ކޯ ސްޕޮންސާ ކުރި ރިސޮލިއުޝަންތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމާ ގުޅޭ ރެޒޮލިއުޝަނަކާއި، އިންސާނީ ޙައްޤުތަކުގެ މަންފާ ފުރިހަމައަށް ލިބިގަތުމަށްޓަކައި ތަރައްގީގެ ދައުރާ ގުޅޭ ރެޒޮލިއުޝަނަކާއި، ކޮރަޕްޝަނުގެ ސަބަބުން އިންސާނީ ޙައްޤުތަކަށް ކުރާ ނޭދެވޭ އަސަރާ ގުޅޭ ރެޒޮލިއުޝަނަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ރެޒޮލިއުޝަނެއް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޤާޟީންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓާ ގުޅޭ ރެޒޮލިއުޝަން އެކުލަވާލުމުގެ މަސައްކަތްކުރި ތަފާތު ސަރަހައްދުތަކުގެ ޤައުމުތަކަށް އެކުލެވޭ މައި ގްރޫޕުގައި ވެސް ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
އެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހުގައި އިއްވުނު 34 ޖޮއިންޓް ސްޓޭޓްމަންޓެއް ކޯ-ސްޕޮންސަރ ކޮށްފައެވެ. މީގެ ތެރޭގައި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ބަޔާންތަކާއި އެހެނިހެން ބަޔާންތައް ވެސް ހިމެނެއެވެ.
ދިވެހިރާއްޖެއިން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)ގެ ފަރާތުން ބަޔާނެއް އިއްވާފައެވެ. މިބަޔާން އިއްވާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކާބޯތަކެތީގެ ޙައްޤު ފުރިހަމައަށް ކަށަވަރުކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮންމެ އަހަރަކު ބާއްވާ ޕެނަލް ޑިސްކަޝަންގައެވެ. މިބަޔާނުގައި ދިވެހިރާއްޖެއިން ވަނީ އެންމެހައި ފަރާތްތަކަށް ދެމެހެއްޓެނިވި މުސްތަޤުބަލެއް ހޯދައިދިނުމަށްޓަކައި ކާބޯތަކެތީގެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި ކާރިޘާތަކުން ކުރާ އަސަރު ކުޑަވާނެފަދަ ކާބޯތަކެތީގެ ނިޒާމެއް ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.
އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 53ވަނަ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އެމްބެސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އަދި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހްމަދެވެ.
އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހުގައި އޭޝިއާ ޕެސިފިކް ގްރޫޕް ތަމްސީލުކުރާ ނައިބު ރައީސްގެ ހައިސިއްޔަތުން ޑރ. އާސިމް ވަނީ އެމަޖިލީހުގެ އެކި ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާފައެވެ.