ads
ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭން އޭޑީކޭއިިން ރާއްޖެއަށް އަލަށް ތައާރަފުކުރުން - ފޮޓޯ:އޭޑީކޭ
ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭން އޭޑީކޭއިިން ރާއްޖެއަށް އަލަށް ތައާރަފުކޮށްފި
ކެންސަރު ދަނެގަތުމަށް ހަދާ ޕެޓް ސީޓީ ސްކޭން އޭޑީކޭ ހޮސްޕިޓަލުން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކޮށްފިއެވެ.

ޕެޓް ސީޓީ ސްކޭން ތައާރަފުކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އޭޑީކޭއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. ގާތްގަނޑަކަށް ހާހަކަށްވުރެ ގިނަ މީހުން ޕެޓް ސީޓީ ސްކޭން ހެދުމަށް ރާއްޖޭން ބޭރަށްދާކަން ފާހަގަކުރައްވާ އަފްއާލް ވިދާޅުވެފަައިވަނީ ޕެޓް ސްކޭންގެ ހިދުމަތާ އެކު ރާއްޖޭން ބޭރަށް އެ ސްކޭން ހެދުމަށް ދާން ޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ޕެޓް ސީޓީ ސްކޭންގެ ހިދުމަތް ފެށުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް އަފްއާލް ވިދާޅުވިއެވެ. އަފްއާލް ވިދާޅުވި ގޮތުގައި ސްކޭން ހަދާއިރު ބޭނުންކުރާ ނިއުކްލިއާ މާއްދާ ބޭނުންކުރަން ފެށުމުގެ ކުރިން ގިނަ ހުއްދަތަކެއް ހޯދަން ޖެހުނު ކަމުގައެވެ.

your imageއޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ - ފޮޓޯ:އޭޑީކޭ

ޕެޓް ސްކޭން ހެދުމަށްޓަކައި ބޭނުންކުރާނެ ރޭޑިއޯއެކްޓިވް މާއްދާ އޭޑީކޭއަށް ގެނައުމަށް ނިންމާފައިވަނީ އިންޑިއާގެ ކާރުހާނާއަކުންނެވެ. އެ ހޮސްޕިޓަލުން ބުނީ އެ މާއްދާއަކީ އުފައްދާތާ 15 ގަޑިއިރުގެ ތެރޭގައި ބޭނުންކުރަން ޖެހޭ އަދި ގިނަ ދުވަހު ރައްކާކޮށްފައި ނުބެހެއްޓޭ އެއްޗެއްކަމުން އެކަމަށް ހާއްސަ ފްލައިޓުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

ސީޓީ ސްކޭންގެ ހިދުމަތް ދިނުމަށް ހާއްސަކޮށްގެން އޭޑީކޭއިން ހާއްސަ ޑިޕާޓްމަންޓެއް ހަދާފައިވާއިރު، އެ ޑިޕާޓްމަންޓުގައި އެކަމަށް ބޭނުންކުރާ ބޭހާއި އެހެނިހެން ތަކެތި ގެންގުޅޭނެ ނިޒާމެއް ގާއިމުކޮށް އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.

ޕެޓް ސީޓީ ސްކޭންގެ ހިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ މައިގަނޑު ގޮތެއްގައި އެންމެ ފުޅާ ދާއިރާއެއްގައި އެ ޓެސްޓް ހަދަނީ ކެންސަރު ދެނެގަތުމަށާއި ކެންސަރު ފެތުރިފައި ހުރި މިންވަރު ދެނެގަތުމަށާ އަދި ފަރުވާ ދިނުމަށްފަހު ކެންސަރު ނައްތާލުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ހުރި މިންވަރު ބެލުމަށް ކަމަށެވެ. އޭގެ އިތުރުން ހިތާއި ސިކުނޑީގެ ބަލިތައް ދެނެގަތުމުގައި ޕެޓް ސީޓީ ސްކޭން ބޭނުން ކުރެވޭނެ ކަމަށް ނިޔާފް ވިދާޅުވިއެވެ.

ނިޔާފް ވިދާޅުވި ގޮތުގައި ރޭޑިއޯއެކްޓިވް މާއްދާ ރާއްޖެ އެތެރެކުރުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް ލިބޭ އަދަދަށް ބެލުމަށްފަހު ބޭނުންވާ މިންވަރަށް ކަމުގައެވެ. ދުވާލަކު އެންމެ ގިނަވެގެން އަށެއް ނުވަތަ 10 ސްކޭން ހެދޭނެ ކަމަށް ނިޔާފް ވިދާޅުވިއެވެ.

your imageކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭން އޭޑީކޭއިިން ރާއްޖެއަށް އަލަށް ތައާރަފުކުރުން - ފޮޓޯ:އޭޑީކޭ

ނިޔާފް ވިދާޅުވެފައިވަނީ ނިއުކްލިއާ ޓްރޭސާ މެޓީރިއަލް ދޭނެ މިންގަނޑު ކަނޑައަޅާނީ ބަލިމީހާގެ ސިއްހީ ކަންތައްތަކަށް ބެލުމަށްފަހު ނިޔުކްލިއާ ފިޒިޝަނުން ކަމަށާއި އެޕޮއިންޓްމެންޓް ހެދުމުން ކަނޑައެޅޭ ވަކި ދުވަހެއްގައި ނިޔުކްލިއާ ފިޒިޝަނަކަށް ދައްކަން ޖެހޭނެ ކަމަށެވެ.

އޭޑީކޭއިން ޕެޓް ސްކޭންގެ ހިދުމަތަށް މިވަގުތު ނަގަން ނިންމާފައިވަނީ 7،500 ރުފިޔާ އާއި 8،500 ރުފިޔާ އާ ދެމެދުގެ އަގެކެވެ. އެހެންނަމަވެސް އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް އެ އަގު ކުޑަ ކުރެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް