އެމްޓީސީސީން ބުނީ މި ބްރިޖުގެ ޕައިލް ކެޕް ކޮންކްރީޓް މަސައްކަތްތައް މި އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅާ ބްރިޖާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ އެ މަސައްކަތަކީ ދެ ރަށުގެ ރައްޔިތުންނަށްވެސް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ބްރިޖް އެޅުމާ އެކު ރަށް ގިރުމުގެ މައްސަލައަށް ހައްލު ލިބޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވި ގޮތުގައި ގިރާ ސަރަހައްދުތަކަށް ވެލި އަޅައި އެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ ކަމުގައެވެ.
މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް އެމްޓީސީީސީން އަމާޒު ހިފާފައިވަނީ އަންނަ ފެބްރުއަރީ މަސް ނިމޭހާ ތަނަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މަޑަވެއްޔާއި ހޯޑެއްދޫގެ ގުޅާލުމަށް އަޅާ ތިމާވެއްޓާއި ރައްޓެހި ބްރިޖުން މާޗު މަހު އެ ދެ ރަށުގެ ރައްޔިތުން ދަތުރުކުރަން ފަށާނެ ކަމަށެވެ.
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅާ ބްރިޖު މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް، ބްރިޖުގެ 2،544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުމާ އެކު، 285 ސްޕަން ޕައިލް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތްތަކުގެ އިތުރުން 4،596 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި 1،378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓު ހެދުމުގެ މަސައްކަތާއި އެޕްރޯޗް ރޯޑުގެ 3،144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި ރެއިލިން، މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާ ގޮތަށް ވަނީ ނިންމާފައެވެ.
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 84.17 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.