އިސްތިއުފާގެ ސިޓީގައި ސިމްވާރް ވިދާޅުވީ ސަރުކާރުގައި މަސައްކަތް ކުރަން ރައީސް ސޯލިހް ދެއްވި ފުރުސަތަށާއި، ރައީސް ސޯލިހް ބަހައްޓަވާ ގާތް ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ސިމްވާރް ސަރުކާރުން އިސްތިއުފާ ދެއްވިއިރު އޭނާ އާއިއެކު މިސަރުކާރު ގެނައުމުގައި މީސް މީޑިއާގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޝައްމޫން ޖަލީލް (ލޫކަސް) ވެސް ވަނީ މިދިޔަ ހަފްތާގައި ސަރުކާރުން އިސްތިއުފާ ދިނުމަށްފަހު ޑިމޮކްރެޓްސް އާއި ގުޅިފައެވެ.
ސިމްވާރް އާއި ލޫކަސް އަކީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ދެބޭފުޅުންނެވެ. ސިމްވާރް ސަރުކާރުން އިސްތިއުފާ ދިނުމަށް ޑިމޮކްރެޓްސް އަށް ސޮއިކޮށް ފޯމް ވަނީ ރައީސް ނަޝީދާ ހަވާލު ކޮށްފައެވެ.
ރައީސް ސޯލިހްގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ލޫކަސް އާއި ސިމްވާރް ސިޔާސީ މަގާމުތަކަށް އައްޔަން ކުރެއްވި ނަމަވެސް ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށްފަހު ސަރުކާރު ޕްރޮމޯޓް ކުރަން މީސް މީޑިއާގައި މާބޮޑަށް އެބޭފުޅުން ހަރަކާތްތެރިއެއް ނުވެއެވެ.
މިސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދީ ޑިމޮކްރެޓްސް އާއި ގުޅެމުންނެވެ. ނަމަވެސް އިއްޔެ ވެސް ރައީސް ސޯލިހް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް ޕާޓީއަކީ އެމަނިކުފާނަށް އޮތް ޗެލެންޖެއް ނޫން ކަމަށް ވިދާޅުވެފައެވެ.