ads
މީހަކު ބާޒާރުކުރަން ކޮތަޅު ބޭނުންކުރަނީ: ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ޖޫން މަހު ލިބުނު އާމްދަނީ ވަނީ ދަށްވެފައި - ފޮޓޯ:ސީއެންއެމް
ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ޖޫން މަހު ލިބުނު އާމްދަނީ ދަށަށް
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގަން ފެށި ފީ ގެ ގޮތުގައި މިދިޔަ ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
Advertisement

މީރާއިން ބުނެފައިވާ ގޮތުގައި މެއި މަހު އެ އޮތޯރިޓީއަށް ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި 1،177،904 ރުފިޔާ ލިބިފައިވާ ކަމުގައެވެ. މިދިޔަ މަހު ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ލިބުނީ 778،693 ރުފިޔާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މެއި މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު 33.8 އިންސައްތައިގެ ދަށްވުމެކެވެ.

ޖޫން މަހު މީރާއަށް ޓެކްސް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އެ އޮތޯރިޓީއަށް ލިބިފައިވަނީ 410.4 މިލިއަން ރުފިޔާއެވެ. ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ހިމެނެނީ ޓެކްސް ނޫން އާމްދަނީގެ ތެރޭގައެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން މި އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގާ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

މި އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 31.7 އިންސައްތަ ދަށްވެފައިވާ ކަމަށް މީރާއިން ބުނެއެވެ. މީރާއިން ބުނީ މި އަހަރުގެ ޖޫން މަހު އެ އޮތޯރިޓީއަށް 1.61 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށެވެ. އެއީ އެ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 42.9 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް