ރާއްޖެ އާ އިނގިރޭސިވިލާތާ ދެމެދު މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ގާއިމުކޮށްފައިވަނީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓާ ދެމެދުގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއެވެ. އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ އަންޑަ ސެކްރެޓަރީ އޮފް ސްޓޭޓް އޭވިއޭޝަން އެންޑް މެރިޓައިމް ސެކިއުރިޓީ ބެރޮނެސް ވެރޭއެވެ.
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ ބަނދަރުތަކާއި އެ ބަނދަރުތަކުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެ ގައުމު ގުޅިގެން ކަނޑު ދަތުރުފަތުރުކުރުމުގެ ސަލާމަތީ މިންގަނޑުތައް ހަރުދަނާކުރުމަށް އެހީތެރިވުމުގެ އިތުރުން ގަވާއިދުތައް އެކުލަވާލާ ގާއިމުކުރެވޭނެ އާންމު އޮނިގަނޑެއް ފާސްކުރުމަށް އެހީތެރިވެދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ ކަނޑު ދަތުރުފަތުރު ކުރުމުގެ ސިނާއަތާ ގުޅޭގޮތުން ފަންނީ ތަޖުރިބާ ތަރައްގީކުރުމަށް އެހީތެރިވުމަށް ޕްރޮގްރާމުތައް ހިންގުމާއި ކަނޑުގެ ސަލާމަތާ ގުޅޭ ހުރިހާ ދާއިރާއަކުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ އެކު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑް، އައިއެސްޕީއެސްގެ ތެރެއިން ދެ ގައުމަށް ފައިދާ ލިބޭނެ ގޮތްތައް ހެދުން ހިމެނޭ ކަމަށެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހުނު ދާއިރާތަކުގެ ތެރޭގައި ދެ ގައުމުގެ ބަނދަރުތަކަށް ޒިޔާރަތްކޮށް، އައިއެސްޕީއެސް ކޯޑާއި އެއްގޮތަށް ކަންކަން ހަމަޖެހިފައި ހުރިކަން ޔަގީން ކުރުމާއި ބައްދަލުވުންތަކާއި ކަނޑު ދަތުރުފަތުރުކުރުމުގެ ދާއިރާ އާ ގުޅޭ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެމިނާތަކާއި ވޯކްޝޮޕްތައް އަދި ކެޕޭސިޓީ ބިލްޑްކުރުމަށް އެހީތެރިވުމުގެ އިތުރުން ޕޯޓް ސެކިއުރިޓީ ޑޮމެއިން އާ ގުޅިފައިވާ ކޮންސަލްޓެންސީ ހަރަކާތްތަކާ ބެހޭގޮތުން ދެ ފަރާތުން އެއްބާރުލުން ބަދަލުކުރުން ހިމެނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމާ އެކު މިވަގުތު ރާއްޖެއަށް ބޭނުންވެފައިވާ މެރިޓައިމް ސްޓްރެޓެޖީތަކާއި ގަވާއިދުތަކާއި ޕްރޮޓޮކޯލް އަދި އެސްއޯޕީތަކާ ގުޅުންހުރި ކަންކަމުގައި އިނގިރޭސިވިލާތުގެ އެހީތެރިކަން ލިބިގެންދާނެ ކަމުގައެވެ.