ads
ރައީސް ސޯލިހު
މިއީ އެންމެ ކުށްމަދު ފަސް އަހަރު: ރައީސް
ނިމެމުންމިދާ ފަސް އަހަރަކީ ފަހުގެ ތާރީހެއްގައި އެންމެ ކުށް މަދު ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ހއ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ތުރާކުނު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވެނީ މުޖްތަމައު އަމާންކޮށް ކުރިއަށް ގެންދެވޭތީ ކަމަށެވެ.

"މި ވޭދުވެދިޔަ ފަސް އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއީ ފަހުގެ ތާރީހެއްގައި އެންމެ ކުށް މަދު ފަސް އަހަރު ކަމަށް ފުލުހުން ރިޕޯޓްތަކުން ދައްކާ. ކުރިއަށް އޮތް ފަސް އަހަރުގައި އެ އިންސައްތަ ކުރިއަށްވުރެ ދަށް ކުރާނަން،" -ރައީސް ސާލިހު-

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެންމެ މުހިންމު ސިޔާސަތަކަށް ވާނީ ރާއްޖެއަކީ އަމާން ތަނަކަށް ހެދުން ކަމަށެވެ.

މި ސަރުކާރުން ކުދި ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މިހާތަނަށް އެ ރަށުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނުކޮށް ހުރި ކަމަށެވެ.

ހޯރަފުށީގެ އިތުރުން ހއ. ތުރާކުނާއި ހއ. އުލިގަމާއި ހއ. މޮޅަދޫ އާއި ހއ. އިހަވަންދޫއަށް ރައީސް މިއަދު ވަޑައިގަންނަވާނެއެވެ. އަދި ހއ. މާރަންދޫ އާއި ހއ. ތަކަންދޫ އާއި ހއ. ކެލާ އަދި ހއ. ވަށަފަރު އަދި ހއ. ދިއްދޫ އަށް ވަޑައިގަންނަވާނީ މާދަމާއެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހް އެންމެ ފުރަތަމަ ވަޑައިގަތީ ށ. އަތޮޅަށެވެ. އޭގެ ފަހުގައި އެމަނިކުފާނު ވަނީ ކ. އަތޮޅާއި މ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކަކަށް ވަޑައިގެން ރިޔާސީ ކެމްޕެއިން ކުރައްވައިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް