އިހަވަންދޫ އަކީ މަސްވެރި ރަށެއް ކަމަށާއި އެއީ މާލެއިން އުތުރުގައި މަސްވެރިކަން ކުރާ އުޅަނދުތައް އެންމެ ގިނަ ރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެ ހިސާބަށް އެކަންކަން ދިޔައީ އެ ދާއިރާ އަށް އަޅާނުލުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ސިނާއަތް ޕްރައިވެޓް ސެކްޓަރ އަށް އެއްކޮށް ދޫކޮށްލުން ރަނގަޅު ނޫން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އިހަވަންދޫގެ މަސް މަރުކަޒުގެ މަސައްކަތް ލަސްވީ އެ ރަށުގެ ބިން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއި އެކު މަސް ގަންނަ މަރުކަޒުގެ މަސައްކަތް ފެށި، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މަސް ގަންނަ ބަނދަރު ޤާއިމްކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރައްވަނެ ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ އެ މަސައްކަތް ނިމޭ އިރު އެތަނުގައި ސްލިޕްވޭ އަކާއި ދޯނި ފަހަރު އެހެލެވޭނެ އިންތިޒާމްގެ އިތުރުން އެމްޓީސީސީގެ ސޭލް ސެންޓަރެއް ޤާއިމްކުރައްވާނޭ ކަމަށެވެ.