
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޝަރީފް ވިދާޅުވީ ކަސްޓަމްސްއިން ކުރަމުން އަންނަ މަސައްކަތަކީ ވަރަށް ގިނަ މުއައްސަސާތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އެގޮތުން އެހެން މުއައްސަސާއެއްގައި ލަސްތަކެއް ދިމާވާނަމަ މުޅި ޕްރޮސެސްއަށް ލަސްތަކެއް ކުރިމަތިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވެފައިވަނީ ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަނާ ގުޅިގެން މިހާރު ޓައިމް ރިލީޒް ސްޓަޑީސްއެއް ހަދާފައިވާ ކަމަށެވެ. އެ ސްޓަޑީސްގެ އާއެކު އެހެން މުއައްސަސާއަކުން ލަސްތަކެއް އުޅޭނަމަ އެކަމެއް އެނގި ރަނގަޅުކުރަންވީ ކޮން ހިސާބުތަކަކުންކަން ދެނެގަނެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ސްޓަޑީސްއަށް ބެލުމަށް ފަހުގައި މުދާ ކްލިއާ ކުރުމުގެ ހިދުމަތް އަވަސްކުރަން ކުރަމުންދާ މަސައްކަތްތަކަށް އަންނަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެވޭނެ ކަމުގައެވެ.
މުދާ ކްލިއާ ކުރުމުގެ ހިދުމަތް އަވަސްވުމަކީ ވިޔަފާރިވެރިން މުދާ ގެންނަން ކުރަން ޖެހޭ ހޭދަ ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމެއް ކަން ފާހަގަކޮށް ކަސްޓަމްސްއިން ބުނީ އެކަމުގެ އެންމެ ބޮޑު ބޭނުމަކީ ވަގުތު ކުޑަކޮށް މުދަލުގެ އަގުހެޔޮކުރުން ކަމަށެވެ.