ads
އަންނަ އަހަރުގެ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ބޭއްވުމުގެ ފުރުސަތު ވީއައިއޭއަށް ވަނީ ލިބިފައި - ފޮޓޯ:އެމްއޭސީއެލް
އަންނަ އަހަރުގެ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ބޭއްވުމުގެ ފުރުސަތު ވީއައިއޭއަށް
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ބާއްވާ ރަސްމީ ފަރާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަން އިއުލާނުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެކަން އިއުލާންކޮށްފައިވަނީ އެމެރިކާގެ ސެންފްރެންސިސްކޯގައި މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި އަހަރުގެ ކޮންގްރެސް އިވެންޓެއްގެ ތެރެއިން ކަމަށެވެ. އެ އިވެންޓުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަށާއި ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީ ބަލާލުމަށް ދައުވަތު ދެއްވާފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލުން ބުނެފައިވަނީ މިއީ އޭވިއޭޝަން ދާއިރާއިން ބައިނަލްއަގުވާމީ މިފަދަ ޝަރަފުވެރި އަދި ބޮޑު ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ.

އަންނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކުގެ އޭވިއޭޝަން ދާއިރާގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރެވި، ދުނިޔޭގެ ވައިގެ ހިދުމަތުގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕްލެޓްފޯމެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލުން ބުނި ގޮތުގައި އިންޑިއާ ކަނޑު ދުނިޔޭގެ އެކި ހިސާބުތަކަށް ގުޅުވާލަދޭ، މައި ހަބެއްގެ ހައިސިއްޔަތުން، ރާއްޖޭގައި އޭވިއޭޝަން އިންޑަސްޓްރީގެ ވާހަކަތައް ދެއްކުމަށް މަގުފަހިކޮށްދިނުމަކީ ވީއައިއޭއަށް ލިބުނު ޝަރަފެއް ކަމުގައެވެ.

ރާއްޖޭގައި ބޭއްވޭ މި ކޮންގްރެސްގެ ތެރެއިން ކޮންގްރެސްގެ ބައިވެރިންނަށް ވައިގެ ހިދުމަތްދިނުމުގެ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތުފަހިވެގެން ދިއުމުގެ އިތުރުން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެ ކުންފުނިން ބުނީ މި މުއާމަލާތްތަކުގެ ސަބަބުން ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކަށް ދަތުރުކުރާނެ އެއާލައިންތައް އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އެ އާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސޯދަށް އަދި މުޅި ވައިގެ ހިދުމަތް ކުރިއެރުމަށް އާ ވިސްނުންތަކާއި އީޖާދީ ގޮތްތައް ހޯދުމުގެ މަގުތައް ފަހިވެގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން ބުނީ މި ކޮންގްރެސް މެދުވެރިކޮށް ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު މަންދޫބުންނަށް ފަހިވެގެންދާއިރު، ރާއްޖޭގެ ރަށްތަކުގެ ރީތިކަން އަމިއްލައަށް ވަޒަންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

your imageއެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު - ފޮޓޯ:އެމްއޭސީއެލް 

މި ކޮންގްރެސް ހޮސްޓްކުރުމާ ގުޅޭގޮތުން ވީއައިއޭ ހިންގަމުން އަންނަ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވިދާޅުވީ އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް މި މުހިންމު ހަރަކާތުން އަލިއަޅުވާލެވިގެންދާނެ ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި އިންފްރާސްޓްރަކްޗާ ބަދަލުކޮށް އޮޕަރޭޝަނަލް ކެޕޭސިޓީ ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް މަހްޖޫބު ޝުޖާއު ވިދާޅުވިއެވެ.

"އާ ސީޕްލޭން ޓާމިނަލް ތަރައްގީކުރުން ފަދަ ޕްރޮޖެކްޓްތަކުން ފެށިގެން އާ ކޯޑް އެފް ރަންވޭއެއް އެޅުމާއި އެހެނިހެން ވަސީލަތްތަކާ އެކު، ފަސިންޖަރުންނާއި އެއާލައިންތަކުގެ ބޭނުންތައް ފުއްދުމަށްޓަކައި އަޅުގަނޑުމެންގެ ހިދުމަތްތައް އަބަދުވެސް މި ދަނީ ހަރުދަނާކުރަމުން. މި ކޮންގްރެސްގެ ސަބަބުން އަޅުގަނޑުމެންނަށް މި ކުރިއެރުންތައް ދައްކުވައިދީ، ބައިނަލްއަގުވާމީ އެއާލައިންތަކާ އެކު ގުޅުން ބަދަހިކުރުމަށް އަގުހުރި ފުރުސަތުތައް ލިބިގެންދާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރިއެރުމުގެ ވާހަކައިގެ އާ ބާބެއް އުފެދި، މި ސަރަހައްދުގެ ލީޑިން އެއާޕޯޓު އޮޕަރޭޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގު އިތުރަށް ހަރުދަނާވެގެންދާނެ." - އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު

އެމްއޭސީއެލުން ބުނި ގޮތުގައި އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 އަށް މަންދޫބުންނަށް މަރުހަބާ ކިއުމަށާއި މި ކޮންގްރެސްއަކީ ކާމިޔާބު ކޮންގްރެސްއަކަށް ހެދުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމުގައެވެ. މި ކޮންގްރެސް އޮންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށް އެމްއޭސީއެލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް