ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރުއެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދި ހެނދުނު ނުވައެއް ޖަހާއިރު ހުޅުވާލާއިރު، ހަމަ އެ ގަޑީގައި ރައީސް ޔާމީނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތެއް ކްރިމިނަލް ކޯޓުގައި އޮންނާނެއެވެ.
މާދަމާ ހެނދުނު ނުވައެއް ޖަހާއިރަށް ތާވަލުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގެ އަޑު އެހުމެކެވެ.
މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކި ބަސް ނެގުމުގެ މަރުހަލާއެވެ. އެންމެ ފަހުން އޮތް އަޑު އެހުމުގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ދެއްވި ދަބަހެއްގެ ވާހަކަ، ޝަރީއަތަށްވަނީ އައިސްފައެވެ.
އިންތިހާބަށް ކުރިމަތިލުން މާދަމާ ހުޅުވާލާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުންވަނީ ފަށާފައެވެ. އެކަމަކު މިހާރުވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާތީ މި ވަގުތު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ޔާމީންގެ ހަމަ ނުވެއެވެ.