ads
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ޕީޕީއެމް
ހައްގު ގެއްލޭތީ ޔާމިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ރޭ ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެ މަނިކުފާނުގެ ގާނޫނީ ޓީމުން ރޭ ބުނިގޮތުގައި، ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެތައް އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ވާތީ އެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވިޔަސް، އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ރަޖިސްޓްރާ އެގޮތަށް ނިންމެވިޔަސް، އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެއްވުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަންނަވާނެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވާފައި ވިޔަސް، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު މި ވަގުތު ވަނީ ބަންދުވެފަ އެވެ. ޔާމީނަށް އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނީ އިސްތިއުނާފް މަރުހަލާއިން އެ މަނިކުފާނު މިނިވަންވެއްޖެ ނަމަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް