ads
ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވި ހީނަރުކަމުން އަރައިގަތުމަށް އެހީ ފޯރުކޮށްދިނުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން - ފޮޓޯ:އެމްއެފްއެމްސީ
އެމްއެފްއެމްސީ އާއި އީޔޫ ގުޅިގެން މާފުށީގައި މައުލޫމާތު ފޯރުކޮށްދިނުމަށް ސެޝަނެއް
މޯލްޑިވްސް ފަންޑްގެ މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި ޔޫރަޕިއަން ޔޫނިއަން ގުޅިގެން "އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" - ޕްރޮޖެކްޓުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހު ކ. މާފުށީގެ ގެސްޓްހައުސްތަކަށް އަމާޒުކޮށް މައުލޫމާތު ފޯރުކޮށްދީފިއެވެ.
Advertisement

އެމްއެފްއެމްސީން ބުނީ މި މައުލޫމާތު ސެޝަނުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގައި ގެސްޓްހައުސް ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެފަދަ ދާއިރާތަކުން އަލިއަޅުވާލާފައިވާ ކަމަށެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ވިލުންތެރި އަދި ސިންދަފާތުކުރެވިފައިވާ އިގުތިސޯދެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެމްއެފްއެމްސީން ބުނެފައިވަނީ މި ޕްރޮޖެކްޓު މެދުވެރިކޮށް ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވި ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދެ މިލިއަން ޔޫރޯ (34.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ހަދިޔާކޮށްފައިވާ ކަމަށެވެ. މި އެހީ ފޯރުކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުމެވި ވިޔަފާރިތަކުގެ ތެރެއިން ގެސްޓްހައުސްތަކާއި ސަފާރީތަކަށް ކަމަށް އެމްއެފްއެމްސީން ބުނެއެވެ.

އެމްއެފްއެމްސީން ބުނި ގޮތުގައި މި ޕްރޮޖެކްޓުގެ ފުރަތަމަ ކޮމްޕޮނެންޓުގެ ދަށުން ވިޔަފާރިތަކަށް ހިލޭ އެހީގެ ގޮތުގައި 1.4 މިލިއަން ޔޫރޯ (25.3 މިލިއަން ރުފިޔާ) ވަނީ ދޫކޮށްފައި ކަމުގައެވެ. މިހާތަނަށް މި އެހީ ޖުމްލަ 406 ފަރާތަކަށް ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 341 ގެސްޓްހައުސް އާއި 65 ސަފާރީ ކަމަށް އެމްއެފްއެމްސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ މާފުށީގެ 21 ވިޔަފާރިއަކަށް ޖުމްލަ 1.6 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދެވަނަ ކޮމްޕޮނެންޓުގެ ދަށުން ގެސްޓްހައުސް ވިޔަފާރިތަކަށް ފަންނީ ކުރިއެރުމާއި މާލީ ތަރައްގީގެ ފުރުސަތުތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގެސްޓްހައުސް ހިންގުމާ ގުޅޭ އަށް ދާއިރާއަކަށް އަލިއަޅުވާލާފައިވާ ކަމަށް އެމްއެފްއެމްސީން ބުނެއެވެ. އެމްއެފްއެމްސީން ބުނި ގޮތުގައި ސެޝަން ނިމިގެންދިޔައިރު ވަނީ ފައިނޭންޝަލް މެނޭޖްމަންޓާއި ފްރަންޓް އޮފީސް އޮޕަރޭޝަނާއި ވޭސްޓް މެނޭޖްމަންޓުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ އަދި ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައި ކަމުގައެވެ. ސެޝަން ނިންމާލަމުން މާފުށީގެ 21 ގެސްޓްހައުސް ވިޔަފާރިއަކަށް ކޮމްޕޮނެންޓް އެކެއްގެ ދަށުން ލިބުނު ހިލޭ އެހީގެ ރަމްޒީ ފިލާ ހަވާލުކޮށްފައިވާ ކަމަށް އެމްއެފްއެމްސީން ބުނެއެވެ.

"ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ފަންޑުކުރެވޭ މަޝްރޫއުތަކަކީ ވީހާވެސް ގިނަ ފަރާތްތަކަށް އޭގެ މަންފާ ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ މަޝްރޫއުތަކެއް. މި ސަބަބަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތްތައް ބިނާކުރެވިގެންދަނީ ދިވެހި ސަރުކާރުގެ އެޖެންޑާ އާ އެއްގޮތަށް. ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގެސްޓްހައުސްތަކާއި ސަފާރީ ވެސަަލްތައް ފަދަ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް އީޔޫއިން އަބަދުވެސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން. އަޅުގަނޑު ދެކޭ ގޮތުގަައި އިގުތިސޯދަށް ހެޔޮ ބަދަލު ގެނެސްދޭ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ޖަޒީރާ ރަށްތަކާއި ފަޅުތަކަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކޮށް، ދެމެހެއްޓެނިވި ތަރައްގީ ލިބޭނެ ފަދަ ގޮތަކަށް މި ޕްރޮޖެކްޓުތައް ބައްޓަންކުރުން މުހިންމުކަން ފާހަގަކުރަން. މުސްތަގުބަލުގައި އީޔޫގެ ފަންޑިން އަމާޒުކުރެވިގެންދާނީ އިގުތިސޯދީ ގޮތުން ދެމެހެއްޓެނިިވި ތަރައްގީ ލިބޭ އަދި އިޖުތިމާއީ ގޮތުން މުޖުތަމައަށް މަންފާ ކުރުވަނިވި ޕްރޮޖެކްޓުތަކަށް،" - ޑރ. ޔޯހާން ހެސީ، ހެޑް އޮފް ކޯޕަރޭޝަން އެޓް ދަ އީޔޫ ޑެލިގޭޝަން ޓު ސްރީ ލަންކާ އެންޑް ދަ މޯލްޑިވްސް

އެ ހަފުލާގައި ޑެލިގޭޝަން އޮފް ދަ ޔޫރަޕިއަން ޔޫނިއަން ސްރީ ލަންކާ އެންޑް މޯލްޑިވްސް، އެމްއެފްއެމްސީ އަދި މާފުށި ކައުންސިލުގެ ފަރާތުން ބައިވެރިވި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެމްއެފްއެމްސީން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ތަންފީޒީ އިދާރާއަކީ އެ ކޯޕަރޭޝަން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް