ads
އާރުޓީއެލް ފެރީތަކެއް: ޒޯން އެކެއްގައި އާރުޓީއެލް ސޯޝިއޯ-އިކޮނޮމިކް ސްޓަޑީއެއް ހެދުމަށް ވަނީ ހަމަޖެހިފައި - ފޮޓޯ:އެމްޓީސީސީ
ޒޯން އެކެއްގައި އާރުޓީއެލް ސޯޝިއޯ-އިކޮނޮމިކް ސްޓަޑީއެއް ހަދަނީ
އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އާ ގުޅޭގޮތުން ސޯޝިއޯ-އިކޮނޮމިކް ސްޓަޑީއެއް ޒޯން އެކެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އާރުޓީއެލް ސޯޝިއޯ-އިކޮނޮމިކް ސްޓަޑީއެއް ޒޯން އެކެއް (ހއ، ހދ އަދި ށ) ގެ ރަށްރަށުގަައި މި މަހާއި އަންނަ މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދިރާސާ ކުރުމަށް އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ މި ސްޓަޑީގެ މައިގަނޑު މަގުސަދަކީ އާރުޓީއެލް ފެރީގެ ހިދުމަތް ބޭނުންކުރާ އެކި ފަރާތްތަކާއި ރައްޔިތުންނަށް ބޭނުންވާ އެކި ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މި ހިދުމަތްތައް ލިބިގަންނަ ފަރާތްތަކާއި މުޖުތަމައުގައި ހިމެނޭ އެކިއެކި ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ވިޔަފާރިތަކާއި ތަފާތު ސިނާއަތްތަކަށް ކުރާ އަސަރުތައް ދެނެގަތުން ކަމަށެވެ.

އެ ކަންކަން ދެނެގަތުމަށް ސާވޭ، ފޯކަސް ގްރޫޕް ޑިސްކަޝަންސް، އިންޓަވިއު ފަދަ ގޮތްގޮތް ބޭނުންކޮށްގެން އާރުޓީއެލް ހިދުމަތުގެ ސަބަބުން ސީދާ އަދި ނުސީދާކޮށް މި ހިދުމަތުގެ އަސަރު ކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ދިރާސާއަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެފްޖޭއެސް ކޮންސަލްޓިންއަށް އެއްބާރުލުން ދިނުމަށް އެ މިނިސްޓްރީން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އާރުޓީއެލް ހިދުމަތް ޒޯން އެކެއްގައި ގާއިމު ކުރުމާއި ކުރިއަށް ގެންދިއުމަށް އެންމެހާ ފަރާތްތަކުން ދޭ އެއްބާރުލުމާއި ތަރުހީބަށް ޝުކުރު އަދާކުރާ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް