ads
ސުކޫލް ޓީޗަރުން
ޓީޗަރުންނަށް ލައިސަންސް ދޭނެ ގަވާއިދު އާންމުކޮށްފި
ޓީޗިން ލައިސަންސް ހަތް ކެޓަގަރީއަކަށް ބަހާލައި ގަވައިދު މިއަދު ގެޒެޓުކޮށްފިއެވެ.

އޮގަސްޓް 2021 ގައި އަމަލުކުރަން ފެށި ތައުލީމީ ގާނޫނުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުން ރަޖިސްޓަރީކޮށް، ކިޔަވައިދިނުމުގެ ލައިސަންސް އެ މީހުންނަށް ދޭންޖެހެ އެވެ.

އެކަން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތައުލީމްގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު އާއްމުކޮށްފަ އެވެ.

ގަވައިދު ބުނާގޮތުން، ޓީޗަރުންނާއި ސްކޫލްގެ ލީޑިން ޓީޗަރުންނާއި ސުޕަވައިޒަރުންނާއި ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ލައިސަންސް ނަގަން ޖެހޭނެ އެވެ.

 ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެކްޓިން ޕްރިންސިޕަލުން އަދި އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ވެސް ލައިސަންސް ހޯދަންޖެހޭނެއެވެ.

ޓީޗިން ލައިސަންސް ބަހާލާފައިވަނީ ހަތް ރޭންކަކަށެވެ. އެ ރޭންކު ތަކަކީ:

1- ޓީޗިން ލައިސަންސް ރޭންކް 1 / ޓީޗަރު

2- ގްރެޖުއޭޓް ޓީޗަރު- ޓީޗިން ލައިސަންސް ރޭންކް 2

3- ޕްރޮފިޝަންޓް ޓީޗަރު- ޓީޗިން ލައިސަންސް ރޭންކް 

4- އެކޮމްޕްލިޝްޑް ޓީޗަރު- ޓީޗިން ލައިސަންސް ރޭންކް 4

5- ޑިސްޓިންގްޝްޑް ޓީޗަރު- ޓީޗިން ލައިސަންސް ރޭންކް 5

6- ޕްރޮވިޝަނަލް ޓީޗިން ލައިސަންސް- މިއީ 2029 ވަނަ އަހަރުން ފެށިގެން ކިޔަވައިދިނުމުގެ ދާއިރާއިން ދަސްވެނިވެގެން ކިޔަވައިދިނުމަށް ބޭނުންވާ މީހުންނަށް ދޫކުރާ ވަގުތީ ލައިސަންސެއް.

7- ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސް- ވަގުތީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ މީހުންނަށް ދޫކުރާ ލައިސަންސެއް.

ސްކޫލްތަކުގެ އިސްވެރިންނަށް ދޫކުރާ ލައިސަންސް ވެސް ވަނީ އެކި ރޭންކުތަކަށް ބަހާލައިފަ އެވެ. 

ޑެޕިއުޓީ ޕްރިންސިޕަލުން އަދި ޕްރިންސިޕަލުން ވެސް ތިން ރޭންކަކަށް ބަހާލާފައިވާއިރު، ސުޕްރިޓެންޑެންޓްގެ ނަމުގައި ދެ ރޭންކެއް ތައާރަފްކޮށްފައިވެ އެވެ.

ތެރަޕިސްޓުންނާއި ކައުންސެލަރުން އަދި ހެލްތު ވޯކަރުންނާއި ސްޕޯޓްސް ސުޕަވައިޒަރުން އަދި ލައިބްރޭރިއަން ފަދަ މަގާމުތަކަށް ދޫކުރާނީ، ގަވައިދުގައިވާ ބުނާގޮތުން ސްކޫލު ޕްރޮފެޝަނަލް ލައިސަންސެވެ.

ބިދޭސީ ޓީޗަރުންނަށް ވެސް ވަކި ރޭންކުތަކެއް ކަނޑައަޅާފައިވާއިރު، އެ މީހުންނަށް ލައިސަންސް ދެވޭ އެންމެ މަތީ ރޭންކަކީ ގްރެޖުއޭޓް ޓީޗަރު- ޓީޗިން ލައިސެންސް ރޭންކް 2 އެވެ. ބިދޭސީ ޕްރިންސިޕަލުންނަށް ދޭ އެންމެ މަތީ ރޭންކަކީ ޕްރިންސިޕަލް ރޭންކް 1 އެވެ.

އެ ލައިސަންސްގައި މަސައްކަތް ކުރުމަށް ހުއްދަ ދެނީ އެކި މުއްދަތަށެވެ. ގަވައިދުގައި ވަނީ ޓީޗިން ލައިސަންސް ދޫކުރަނީ ހަތަރު އަހަރަށް ކަމަށެވެ. ސްކޫލް ލީޑަޝިޕް އަދި ޕްރޮފެޝަނަލް ލައިސަންސް ވެސް ދެނީ ހަތަރު އަހަރަށެވެ. ޕްރޮވިޝަނަލް ޓީޗިން ލައިސަންސް އެއް އަހަރަށް އަދި ވަގުތީ ލައިސަންސް ދެނީ ދެ އަހަރަށެވެ.

ލައިސަންސް ދިނުމުގެ ކަންކަން ކުރާނީ އެ ކަމަށް ހާއްސަ ކޮށްގެން އުފައްދާފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުން ކަމަށެވެ. އެގޮތުން، ލައިސަންސް އޮތް މީހެއްގެ މައްސަލައެއް ބެލުމަށް ފަހު، ލައިސަންސް ހިފެހެއްޓުމަށް ނުވަތަ ބާތިލް ކުރުމަށް ނުވަތަ ބްލެކްލިސްޓް ކުރުމުގެ ބާރު އެ ބޯޑަށް ލިބިގެންވެއެވެ.

އެ މައްސަލައެއް ބެލުމަށް ފަހު އަދި އެކަމުގެ ކުޑަބޮޑު މިނަށް ބަލައި، ހަ މަސް ދުވަހާއި އެއް އަހަރާ ދޭތެރޭ މުއްދަތަކަށް ލައިސަންސް ބާތިލް ކުރާނެ އެވެ. ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ޝަރީއަތަށް ސާބިތުވުމުން، އަލުން ލައިސަންސަށް ހުށަހެޅޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ފަސް އަހަރު ފަހުން ކަމަށް ވެސް ބުންޏެވެ.

ލައިސަންސް ހޯދުމަށް ހުށަހަޅަން ޖެހޭނީ އެ ކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލަކުންނެވެ. އެކަމަށް ހުށަހަޅާއިރު، ސަނަދުތަކުގެ ތަފްސީލާއި ކުށުގެ ރިކޯޑާއި ޕޮލިސް ރިޕޯޓު ހުށަހަޅަންޖެހެ އެވެ. ޕޮލިސް ރިޕޯޓުގެ ގޮތުގައި ހުށަހަޅަން ޖެހޭނީ އެ މީހަކު އެންމެ ފަހުން ދިރިއުޅުނު ގައުމަކުން ދޫކުރި ތިން މަސް ނުވާ ރިޕޯޓެކެވެ.

ޓީޗިންގެ ފުރަތަމަ ލައިސަންސާއި އެ އާ ކުރުމަށް އަދި ރޭންކް ބަދަލުވެގެން ލައިސަންސް ބަދަލުކުރާއިރު، 400ރ. ގެ ފީއެއް ދައްކަންޖެހެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް