ads
އެމްއެމްއޭ: އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އޮގަސްޓުގައި ބޭނުންކުރުމަށް ނިންމައި ޓެސްޓުކުރަން ވަނީ ފަށާފައި - ފޮޓޯ:އަވަސް
އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އޮގަސްޓުގައި ބޭނުންކުރުމަށް ނިންމައި ޓެސްޓުކުރަން ފަށައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ގާއިމުކޮށް، އޮގަސްޓު މަހުގެ ތެރޭގައި އެ ނިޒާމުގެ ބޭނުންކުރަން ފެށުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކާ އެކު ސިސްޓަމް ޓެސްޓު ކުރުމުގެ މަރުހަލާ ފަށައިފިއެވެ.
Advertisement

އެމްއެމްއޭއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު އައިޕީއެސް ޓެސްޓް ކުރުމުގެ މަރުހަލާ ފަށާފައިވާ ކަމަށެވެ.

އެ ތިން ބޭންކަކީ އައިޕީއެސްގެ ޕައިލެޓް ޓެސްޓިން ފޭސްގައި ބައިވެރިވުމަށް މި މަހުގެ 10 ވަނަ ދުވަހު އެމްއެމްއޭ އާއެކު އެއްބަސްވުން ހަދާފައިވާ ތިން ބޭންކެވެ.

ޕޭމަންޓް ސިސްޓަމުގައި އެ ތިން ބޭންކުން ގުޅެން ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރެވުނު ތިން ބޭންކަކީ ބޭނުންވާ ޓެސްޓުތައް ފުރިހަމަކުރި ބޭންކުތައް ކަމަށާއި އެ ޓެސްޓުތައް ފުރިހަމަ ނުވެ ބައެއް ބޭންކުތައް އެބަހުރި ކަމަށެވެ. އެ ބޭންކުތަކުން ކުރިއަށް އޮތް ތަނުގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމާ ގުޅޭނެ ކަމަށް ހާޝިމް ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވި ގޮތުގައި ސިސްޓަމުގެ ޕައިލެޓް ޓެސްޓިން ފޭސްއަށްފަހު އޮގަސްޓު މަހުގެ ފަހު ހަފުތާގެ ތެރޭގައި ޕޭމަންޓް ސިސްޓަމް އެއްކޮށް ލޯންޗުކުރެވޭނެ ކަމުގައެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކީ ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މުހިންމު ބައެކެވެ. މި ސިސްޓަމް ގާއިމުކުރުމާ އެކު އެކި ބޭންކުތަކުގައި ހުޅުވާފައި ހުންނަ އެކައުންޓުތަކުން އެކަކު އަނެކަކަށް ފަސޭހަކަމާ އެކު ފައިސާ ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ އިތުރުން މާލީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް މި ސިސްޓަމް މެދުވެރިކޮށް ރައްޔިތުންނާ ހަަމައަށް އެއް ޕްލެޓްފޯމަކުން އެފަދަ ހިދުމަތްތައް ދިނުމުގެ މަގުފަހިވެގެންދާނެއެވެ.

އާ ޕޭމަންޓު ސިސްޓަމާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ރައްކާތެރި މާހައުލެއް ގާއިމުކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެ އޮތޯރިޓީން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގައި ޑޮމެސްޓިކް ޓްރާންސެކްޝަންތަކަށް އިސްކަންދިން ނަމަވެސް ދެވަނަ ފިޔަވަހީގައި އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމަންޓް ސިސްޓަމްތަކާ ގުޅި، ބޭރު ގައުމުތަކާ އެކު ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގުފަހިވާނެ ކަމަށެވެ.

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް