ads
އެސްޑީއެފްސީ އޮފީސް: ޖޫން މަހުގެ ނިޔަލަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި - ފޮޓޯ:ސީއެންއެމް
ޖޫން މަހުގެ ނިޔަލަށް އެސްޑީއެފްސީން 1.3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 1.34 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

އެސްޑީއެފްސީން ބުނެފައިވަނީ އެ ކޯޕަރޭޝަނުން ފުރަތަމަ ހަ މަސް ދުވަހުގެ ނިޔަލަށް 1،423 ފަރާތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށް 1،272 މީހުންނަށް 1.34 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިތައް ހައްލުކުރުމަށް "ކޮވިޑް-19 ވިޔަފާރި އެހީ" ނަމުގައި ކުރިއަށް ގެންދިޔަ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން 2،146 ފަރާތަށް 373 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށެވެ.

އެސްޑީއެފްސީން މައިގަނޑު ގޮތެއްގައި ލޯނު ދޫކުރަނީ އިގުތިސޯދީ އަށް ދާއިރާއަކަށެވެ. އެގޮތުން ރަށު ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށާއި އުފެއްދުންތެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އިތުރުން ކޮމާސް، ދަތުރުފަތުރާ އަދި އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިތަކަށް އެ ކޯޕަރޭޝަނުން މާލީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

އޭގެ އިތުރުން އަލަށް ވިޔަފާރި ފެށުމަށާއި ވިޔަފާރި ތަރައްގީ ކުރުމަށާއި ވިޔަފާރި ހިންގުމަށް ބޭނުން މުދަލާއި މެޝިނަރީ ގަތުމުގެ އިތުރުން ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ކުރުމަށް އެސްޑީއެފްސީން ލޯނު ދޫކުރެއެވެ.

އެސްޑީއެފްސީން އެންމެ ގިނައިން ދޫކޮށްފައިވަނީ ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ ލޯނުތަކެވެ.

އެސްޑީއެފްސީއަކީ ލުއި އިންޓްރެސްޓް ރޭޓެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް