
ކުރިއަށް އޮތް ސީޒަންގެ ނިޔަލަށް، ޓޮޓެންހަމާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ ކޭންގެ ސޮއި ހޯދުމަށް ބަޔާން މިއުނިކުން 86 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ދަ ޓެލެގްރާފުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަޔާން މިއުނިކްގެ އިސް ދެ އޮފިޝަލަކު ލަންޑަނަށް ދިޔައީ ކޭންގެ ޑީލްގެ ކަންތަކުގައި ޓޮޓެންހަމްގެ ޗެއާމަނާ މަޝްވަރާކުރާށެވެ.
ކޭންގެ ސޮއި ހޯދުމަށް ބަޔާން މިއުނިކުން ކެނޑި ނޭޅި މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް އެކަމުގައި އަދި އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށްވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކޭން ބަދަލުވާން ބޭނުންވަނީ މެންޗެސްޓަ ޔުނައިޓެޑަށެވެ. އެކަމަކު އަގު ބޮޑުވުމުން ޔުނައިޓެޑުން ކޭންގެ ޑީލްގެ ކަންތަކުގައި ނޫޅޭ ކަމަށްވެއެވެ. އެހެންނަމަވެސް ސީޒަން ނިމުނު ދުވަސްކޮޅު، ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ އަގަކަށް، ކޭން، ޓޮޓެންހަމުން މެންޗެސްޓަރ ޔުނައިޓެޑަށް ގެންނާނެ ކަމުގެ ޔަގީންކަން ޔުނައިޓެޑުގެ ކޯޗު ޓެން ހޭގަށް ކްލަބުން ދީފައިވެއެވެ.
ޚއޭރު އިގިރޭސި ނޫސް، ދަ ސަންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެރީ ކޭން އަންނަ ސީޒަންގައި ޔުނައިޓެޑަށް ގެނައުމުގެ ޑީލަކީ ކަށަވަރު ޑީލެކެވެ.
އުމުރުން 29 އަހަރުގެ ކޭންއަކީ، އިގިރޭސި ގައުމީ ޓީމަށްވެސް މިހާރު އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާވެސްމެއެވެ.