ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ސްޓޯ، އެސްޓީއޯ ސްމާޓް ސްޓޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޓެކްނޮލޮޖީގެ ދާއިރާއިން މުޅި ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަކީ ދުނިޔެއަށް އަންނަ މިފަދަ އާ ޓެކްނޮލޮޖީއަށް ވަރަށް އަވަހަށް އަހުލުވެރިވާ ބައެއް ކަމަށެވެ. ނައިބު ރައީސް ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދިވެހި ޒުވާނުން ކާމިޔާބީތައް ހޯދަމުން އަންނަ ކަމުގައެވެ.
ޓެކްނޮލޮޖީގެ ދާއިރާއިން މި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މި މަހުގެ ތެރޭގައި ވަން ގަވް ހިދުމަތް ފެށިގެން ގޮސްފައިވާ ކަމަށާއި ރައްޔިތުންނަށް އެކަމުން ގިނަ ގުނަ ފައިދާތަކެއްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ކުރިއަށް އޮތް ތަނުގައި މި ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދީގެން ރައްޔިތުންނަށް ލުއިފަސޭހަކޮށް ވަގުތު ބޭކާރު ނުވާނެ ގޮތަކަށް ދައުލަތުން ލިބެން ޖެހޭ ހިދުމަތްތައް ހޯދައިދިނުން ކަމަށެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ހިންގަމުން ދިޔަ ފިހާރަ މަރާމާތަށްފަހު ސްމާޓް ސްޓޯރެއްގެ ހުޅުވިއިރު، އެ ސްޓޯރުން ވިޔަފާރި ކުރެވޭނީ އެސްޓީއޯއިން އެކަމަށް ތައްޔާރުކޮށްފައިވާ ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ. އެސްޓީއޯއިން ބުނީ އެ އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.
އެސްޓީއޯއިން ބުނީ ސްމާޓް ސްޓޯރުގައި ނިއު އެމާޖިން ދެ ޓެކްނޮލޮޖީއެއް ބޭނުންކޮށްފައިވާ ކަމަށެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސްގެ ވިޝަން އާއި އައިއޯޓީ ބޭނުންކޮށްގެން ފިހާރައިގައި ކޭޝިއަރަކު ނެތި ކަސްޓަމަރު ވަދެ ޓްރާންސެކްޝަން ނިންމާފައި ނިކުމެގެންދާ ޕްރޮސެސް ކަމަށް އެ ކުންފުނިން ބުނެއެވެ.