'ލޯމެރޭ ހިތް އުފާ' މި ލަވައަކީ އަސްލު ހިންދީ ލަވައެއް ކަމަށްވާ 'ޕްރޭމް ޕްރޭމް މޭރީ ދިލްރުބާ' މި ލަވައިގެ ކޮޕީ ދިވެހި ލަވައެކެވެ. އަދި އެލަވަ އަލުން ދިވެހިންގެ ތެރޭގައި މަޝްހޫރު ވީ 'ގްރީން ކާޕެޓް ސްޓޫޑިއޯ އިން' އެ ލަވައިގެ ރީމޭކެއް ހެދުމާއެކުއެވެ.
އަނެއްކާވެސް މި ލަވަ ވައިރަލް ވެފައިމިވަނީ ސިފައިންގެ ބޭންޑުން މިނިވަން ދުވަހުގެ ޕެރޭޑުގައި މިލަވަ ކުޅުމާއެކުއެވެ.
ގަނަބަޔަކު ވަނީ ސިފައިން އެ މިއުޒިކް ކުޅުމުން އަތްޖަހައި ތަރުހީބު ވެސް ދީފައެވެ. އަދި މިއަދު މުޅި ސޯޝަލް މީޑިއާގައި އޮތީ ވެސް ސިފައިން ކުޅުނު 'ޕްރޭމް ޕްރޭމް' ރާގު ކޮޅާއި ގުޅުވާފައިވާ ސިފައިންގެ ޕެރޭޑުގެ ފޮޓޯތަކާއި ވީޑިއޯތަކެވެ.
މިއީ މިހާބޮޑު ތަރުހީބެއް ފަހުގެ ތާރީހެއްގައި ސިފައިންގެ ޕެރޭޑެއްގައި ކުޅުނު މިއުޒިކަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ، 59ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބުރާސްފަތު ދުވަހު ބޭއްވި، އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯގެ ޕެރޭޑާއި ރޫޓް މާޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ބައްލަވާލެއްވިއެވެ.