ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
ދައުލަތަށް ހިދުމަތް ކުރުން، ޒުވާނުން އުފަލަކަށް ހަދަންޖެހޭ: ރައީސް
މިއަދު ސަރުކާރުގެ ވަޒީފާތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބިކަމަށާއި ދައުލަތަށް ހިދުމަތް ކުރުމަކީ އުފަލަކަށް ހެދުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދައުލަތަށް ދިގު މުއްދަތައް ހިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ރާއްޖޭގެ ތަރައްގީގައި އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅުން ކަމަށެވެ.

އެ ބޭފުޅުން މަސައްކަތް ފެއްޓެވި ޒަމާނަކީ ޑިޖިޓަލް ހިދުމަތްތައް އޮންނަ ޒަމާނެއް ނޫން ކަމަށާއި މިއަދުގެ ޒުވާނުންނަށް އެ ދުވަހު އެ ބޭފުޅުން އުފުއްލެވި ބުރަ ތަސައްވަރު ނުކުރެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

މިހާރު މަސައްކަތްކުރާ ގޮތް އޭރާ ތަފާތު ނަމަވެސް އޭރު ވެސް ދުވަހުން ދުވަަހަށް ނިންމަންޖެހޭ މަސައްކަތްތައް ބަރާބަރަށް ނިންމަވައި، އެތައް އަހަރެއް އެ ބޭފުޅުން ހިދުމަތުގައި ހޭދަކުރައްވާފައި ވާތީ އެކަމުގެ އަގު ވަޒަންކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން، އަދި ވަކިން ހާއްސަކޮށް ދިވެހި ޒުވާނުން ގައުމީ ވާޖިބުތައް އަދާކުރެއްވުމުގައި، އިހްލާސްތެރިކަމާއެކު، ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް އިލްތިމާސްކުރައްވާފައެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ ބޭފުޅުންނަށް، ސަރުކާރުގެ ފަރާތުން އިނާމު ދޭން ފެށީ، 2021 ވަނަ އަހަރުގައެވެ. 

އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، 309 ބޭފުޅަކަށް މި އިނާމު އަރުވާފައިވެއެވެ. އަދި މިއަދު ބޭއްވި ޖަލްސާގައި، 148 ބޭފުޅަކަށް އިނާމު އަރުވާފައިވާއިރު މިހާތަނަށް މުޅި ޖުމްލަ 457 ބޭފުޅަކަށް މި އިނާމު އަރުވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް