ads
ކޮވިޑު ތެރޭގައި ބައެއް ޓީޗަރުން މޫނު ނިވާކޮށްފައި: ފޮޓޯ މިހާރު
މޫނު ނިވާކޮށްގެން ކިޔަވައިދިނުން: ސައިންޓިފި ނަޒަރަކުން ނަފްސާނީ ގެއްލުމާއި ހައްލު
ފަހަކަށް އައިސް ކޯވިޑް-19 އާއި ގުޅިގެން ފޭސް މާސްކާއި އެނޫންވެސް މޫނުނިވާކުރާ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ސްކޫލްތަކުގައި ދަރިވަރުންނަށް އުނގެނުމުގެ ތަޖުރިބާއަށް ކުރާ އަސަރުތަކާމެދު ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. އަދި ދިވެހިރާއްޖޭގައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ޓީޗަރުންގެ ސުލޫކީ މިންގަނޑާއެކު ވަނީ މޫނު ނިވާކޮށްގެން ކިޔަވައިދިނުމާމެދު ބަހުސެއް އުފެދިފައެވެ.
Advertisement

އެއް ކަންބޮޑުވުމަކީ މުވާސަލާތާއި އިޖުތިމާއީ-ޖަޒުބާތީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ މޫނުމަތީގެ އަސަރުތައް (ފޭޝަލް އެކްސްޕެޝަން) ދެނެގަތުމާއި މާނަކުރުމުގެ ގާބިލުކަމަށް ކުދިންގެ މޫނު ނިވާކޮށްފައިވާ މުދައްރިސުންގެ މޫނުތަކުން ކުރާނެ އަސަރެވެ. 

މި ލިޔުމުގެ މަގްސަދަކީ މި މައުލޫއާ ގުޅޭ ތައުލީމީ ދިރާސާތައް މުރާޖައާކޮށް، ސްކޫލް މާހައުލުގައި ކުދިންނަށް މޫނުނިވާކޮށްފައިވާ ޓީޗަރުންގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް ހޯދުމެވެ. އަދި އަސަރުތަކަށް ހައްލެއް އޮތްނަމަ އެކަން ވެސް ސާފުކުރުމެވެ. 

your imageފީލްޑް ޓްރިޕެއްގައި ދަރިވަރުންތަކެއް އެމްޓީސީސީ ބަހެއްގައި ޓީޗަރުންނާއިއެކު

މުވާސަލާތާއި އުނގެނުމުގައި މޫނުމަތީގެ އަސަރުތައް ނުވަތަ ފޭޝަލް އެކްސްޕްރެޝަން އެގުން މުހިންމު:

މޫނުމަތީގެ އަސަރުތަކަކީ ވެސް އިޝާރާތުން ކުރެވޭ މުއާމަލާތްތަކުގެ މުހިންމު ބައެއް ކަމުން ފަރުދުންނަށް ޖަޒުބާތުތަކާއި ނިޔަތްތަކާއި އިޖުތިމާއީ ނިޝާންތައް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މުދައްރިސުން ހިމެނޭ ގޮތަށް އެހެން މީހުންގެ ޖަޒުބާތުތަކާއި ނިޔަތްތައް މާނަކޮށް ވިސްނުމަށް ކުދިން ވަރަށް ބޮޑަށް ބަރޯސާވަނީ މޫނުމަތީގެ ކުލަވަރުތަކަށެވެ. މުދައްރިސުންގެ މޫނުމަތީގެ ކުލަވަރު ސާފުވުމަކީ ފައިދާހުރި މުއާމަލާތެއް ކުރުމަށް މަގުފަހިކޮށްދީ، ދަރިވަރާއި މުދައްރިސުގެ ގުޅުން އިތުރުކޮށްދީ، ތައުލީމީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މޫނުގެ އެކްސްޕްރެޝަން ދެނެގަތުމަށް ނިވާކޮށްފައިވާ މޫނުތަކުގެ އަސަރު:

ގިނަ ދިރާސާތަކުގައި ބޮޑެތި މީހުން ބައިވެރިވާ މަންޒަރުތައް ބޭނުންކޮށްގެން މޫނުގެ ކުލަވަރު ދެނެގަތުމަށް ނިވާކޮށްފައިވާ މޫނުތަކުގެ އަސަރު ހޯދާފައިވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މޫނުގެ މާސްކު ނުވަތަ ނިވާކުރުމަކީ މޫނުގެ އަސަރުތައް ސަރީޙަކޮށް ދެނެގަތުމާއި މާނަކުރުމަށް ހުރަސްއެޅޭ ކަމެއް ކަމެކެވެ. ހާއްސަކޮށް އަނގައިގެ ސަރަހައްދު ނިވާކުރުމުން ދޭހަވުމުގައި ދަތިތަކެއް ދިމާވެއެވެ. މި ލިމިޓޭޝަންގެ ސަބަބުން ކުދިންގެ މުދައްރިސުގެ ޖަޒުބާތުތަކާއި ނިޔަތްތައް ދެނެގަނެ އެކަށީގެންވާ ގޮތެއްގައި ރައްދުދިނުމުގެ ގާބިލުކަމަށް އަސަރުކޮށްފާނެއެވެ.

އިމޯޝަނަލް ކޮމިއުނިކޭޝަން އަދި ކްލާސްރޫމް ކްލައިމެޓް:

މުދައްރިސުންގެ މޫނުމަތީގެ ކުލަވަރުތަކަކީ ކްލާސްރޫމްގެ ހެޔޮ މާހައުލެއް ގާއިމްކުރުމާއި ދަރިވަރުންނަށް ޖަޒުބާތީ ގޮތުން ސަޕޯޓް ދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މުދައްރިސުންގެ މޫނުމަތީގެ ހެޔޮ އަސަރުތައް ކަމަށްވާ ހިނިތުންވުން ފަދަ ކަންކަމަކީ ދަރިވަރުންގެ މޮޓިވޭޝަން، އެންގޭޖްމަންޓާއި ޖުމްލަ ރަނގަޅު ދިރިއުޅުމެއް އިތުރުކޮށްދޭ ކަމެކެވެ. މުދައްރިސުންގެ މޫނުތައް ނިވާކޮށްފައި ހުރުމުން ހެޔޮ ޖަޒުބާތުތައް ފޯރުކޮށްދިނުމަށް ހުރަސްއެޅި، ދަރިވަރުންގެ ޖަޒުބާތީ ތަޖުރިބާތަކަށް އަސަރު ފޯރާފާނެއެވެ.

your imageމޫނު ބުރުގާ އެޅި މީހަކު ކިޔަވައިދެނީ: ފޮޓޯ ސަން

އަސަރުތައް ކުޑަކުރުމަށް ގެންގުޅޭ ސްޓްރެޓެޖީތައް:

މޫނު ނިވާކޮށްގެން ކިޔަވައިދިނުމުން ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި ދިރާސާވެރިންނާއި ތައުލީމީ ދާއިރާގެ ފަރާތްތަކުން ވަނީ ބައެއް ސްޓްރެޓެޖީތައް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

އިޝާރާތުން ދޭ މެސެޖުތައް އިތުރުކުރުން: މުދައްރިސުންގެ މޫނު ފެންނަން ނެތްކަން ފޫބައްދަން މޫނުމަތީގެ އަސަރުތަކާއި އިޝާރާތްތަކާއި ހަށިގަނޑުގެ ބަސް މާބޮޑަށް ބޭނުންކުރުމަށް ހިތްވަރު ދެވިދާނެއެވެ. 

ބަހުގެ މުވާސަލާތު: މުދައްރިސުންނަށް ޖަޒުބާތުތަކާއި، ނިޔަތްތަކާއި، އިރުޝާދުތައް ފޯރުކޮށްދިނުމަށްޓަކައި ފާޅުކަން ބޮޑު ބަހުގެ ނިޝާންތައް ބޭނުންކުރެވިދާނއެވެ.

ވިޝުއަލް އެއިޑްސް: ވިސްނުމަށް އެހީތެރިވެދީ މުވާސަލާތު ކުރިއެރުވުމަށްޓަކައި އިލްސްޓްރޭޝަން ނުވަތަ ޑައިގްރާމް ފަދަ ވިޝުއަލް އެއިޑްސް ބޭނުންކުރެވިދާނެއެވެ. 

އިޖްތިމާޢީ-ޖަޒުބާތީ އުނގެނުން: ދަރިވަރުންނަށް ޖަޒުބާތީ ބުއްދިއާއި އެންޕެތީ ތަރައްގީކޮށް، ޖަޒުބާތުތައް ރަނގަޅަށް ދެނެގަނެ މާނަކުރެވޭނެ ގޮތް ހެދުމަށްޓަކައި އިޖްތިމާޢީ-ޖަޒުބާތީ (ސޯޝަލް އިމޯޝަނަލް) އުނގެނުމުގެ ޕްރޮގްރާމްތައް މަންހަޖުގެ ތެރެއަށް ވައްދައިގެން ކުރިއަށް ގެންދެވިދާނެއެވެ. 

ރެފަރެންސް:

Ekman, P. (2003). Emotions Revealed: Recognizing Faces and Feelings to Improve Communication and Emotional Life.

Krumhuber, E. G., & Manstead, A. S. (2009). Can Duchenne smiles be feigned? New evidence on felt and false smiles. Emotion, 9(6), 807-820.

Riggio, R. E., & Friedman, H. S. (1983). Impression formation: The role of expressive behavior. Journal of Personality and Social Psychology, 45(3), 479-488.

Wang, Y., Zhao, S., & Vartapetiance, A. (2020). Communication Behind Face Masks: Examining the Impact of Face Coverings on Social Interactions During COVID-19. Frontiers in Psychology, 11, 577056.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް